ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގަން 1.2 ބިލިއަން ޑޮލަރު ބޭނުންވާނެ: އދ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް 1.2 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އދ. ގެ ވިޔަފާރިއާ ބެހޭ ޖަމްއިއްޔާއަކުން ބުނެފި އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ)ގެ ޓްރޭޑް އެންޑް ކޮމޯޑިޓީސް ޑިވިޝަނުގެ ޑިރެކްޓަރު ޕަމޭލާ ކޯކް ހެމިލްޓަން ތައްޔާރުކޮށް ނެރުއްވި ރިޕޯޓުގައި ކޮވިޑްގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް ލިބޭނެ ގެއްލުމުގެ އަންދާޒާއެއް ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ކޮވިޑް19އިން ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ޖަޒީރާ ގަައުމުތަކަށް ޖުމުލަ 5.5 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ޖުމުލަ 28 ގައުމު ހިމެނޭ އެ ލިސްޓުގައި ރާއްޖެއަކީ މާލީ އެހީތެރިކަމަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ގައުމެވެ. އެގޮތުން ރާއްޖެއަށް 1.15 ބިލިއަން ޑޮލަރު (17.73 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ޕަމާލޭ ވިދާޅުވާ ގޮތުގައި މިއީ ރާއްޖެ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބަރޯސާވެފައި އޮތުމާއެކު އެ ސިނާއަތް މުޅިން ހުއްޓިފައި އޮތުމުން ބޭނުންވާ މާލީ އެހީތެރިކަމެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ރާއްޖޭގެ ޖީޑީޕީ 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޖީޑީޕީ އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ގައުމަކީ ވެސް ރާއްޖެ އެވެ. ސަބަބަކީ ރާއްޖޭގެ ޖީޑީޕީގެ 66 ޕަސެންޓު ހިއްސާކުރަނީ މިހާރު ހުއްޓުމަކަށް އައިސްފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވުމުންނެވެ.

ރިޒާވަށް ބަލާއިރު އެ ރިޕޯޓުގައި ބުނާ ގޮތުން ރާއްޖޭގެ ރިޒާވުގައި ފައިސާ ހުރީ ކުރިއަށް އޮތް ދެމަހުގެ އިމްޕޯޓަށް ހަރަދުކުރެވޭ ވަރަށެވެ.

އެ ރިޕޯޓުގައި މި މައުލޫމާތުތައް އެއްކޮށްފައިވަނީ އައިއެމްއެފް، ވޯލްޑް ބޭންކް، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް، އަދި ގައުމުތަކުގެ ތަފާސްހިސާބުތަކާއި ޔޫއެންސީޓީއޭޑީސްޓެޓް މެދުވެރިކޮށެވެ.

އެ ރިޕޯޓުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ސުން ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި، މާލީ ހާލަތު ރަނގަޅުވަންދެން މިހާރު ހުރި ދަރަނިތަކަށް ފައިސާ ދެއްކުން މަޑުޖައްސާލެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ލިބުނު ފައިސާގެ ތެރޭގައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން 308 މިލިއަން ރުފިޔާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން 28.9 މިލިއަން ޑޮލަރު ހިމެނެ އެވެ.

ވޯލްޑް ބޭންކުން މިހާރުވެސް ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފައިވާއިރު، އަދި އިތުރު 20 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާތައް އެބަ ކުރިއަށްދެ އެވެ.

ހަމައެއާއެކު އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް