"ކޮވިޑް19 އެހީތެރިިކަމުގެ ބިލް" އިސްލާހުކޮށް، އަލުން ހުށަހަޅަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

"ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހަޅެއްވި ބިލުގައި، ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެކަން އިސްލާހުކުރުމަށްފަހު އަލުން ބިލު ހުށަހަޅުއްވުމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ސައީދު މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެފައިިވާ ކަމަށާއި އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހެމުން އަންނާތީ، އެފަރާތްތަކަށް އަވަސް ލުއިތަކެއް ހޯދައިދިނުމަށް އެދި އެވެ.

އެ ފަރާތްތަކަށް އެހީވުމަށް ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި، ގޭގެ ކުއްޔަށް ލުއި ދިނުމާއި، ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުން ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު ޓޫރިޒަމް ސިނާއަތުގެ ބިމު ކުއްޔަށް ޝެޑިއުލެއް އެކަށައެޅުމަށާއި، ސްޓޫޑެންޓް ލޯނު ފަސްކުރުމާއި، ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނޭ އިންތިޒާމް ފަހިކޮށްދިނުމަށް ވެސް ބިލުގައިވެއެވެ.

ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބިލުގައި ދައުލަތުގެ އާމްދަނީން އުނި އިތުރު އަންނަ ފަދަ، އަދި ދައުލަތުގެ ބަޖެޓާ ގުޅޭ ބައެއް މާއްދާތައް ބިލުގައި ހިމެނޭ ކަަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލު) ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށެވެ.

އެހެންކަމުން ސައީދު ހުށަހަޅުއްވި ބިލުގައި ހިމެނޭ އެފަދަ މާއްދާތައް ބަދަލުކުރުމަށްފަހު އަލުން ބިލް ހުށަހަޅުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ އޭރުން މަޖިލީހުގެ ތަޅުމުގައި ބިލުގެ ފުރަތަމަ ކިޔުން އިއްވިދާނެ ކަމަށެވެ.

އަދި ބިލަށް އެއްވެސް އުނި އިތުރެއް ގެންނަން މެމްބަރަށް ފެނިވަޑައިނުގަންނަވާ ނަމަ، އެ ބިލު ރައީސް އޮފީހަށް ވެސް ފޮނުވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

"އެހެން ނަމަވެސް އިއްޒަތްތެރި މެމްބަރަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ޕާޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން މިތަނަށް ހުށަހަޅާ ބިލް ހުށަހަޅަން މިޖެހެނީ ސަރުކާރު ރަމްޒު ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ފަރާތުން. އެކަމުގައި އެހެންވީމަ އަޅުގަނޑު ދަންނަވާނީ މެމްބަރުގެ ބިލް ހުށަހަޅުމުގައި ތާށްޓޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައާ ގުޅިގެން މެމްބަރު ސައީދު ވިދާޅުވީ މިހާރު ދިމާވެފައިމިވާ ހާލަތަކީ އެއްވެސް މީހަކު އަންދާޒާކޮށްފައި ނުވާ، ހާއްސަ ހާލަތެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު އެބުނާ ހާލަތު ނޫން ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"އެހެންވީމަ ދައުލަތުން ފައިސާއަށް ސީދާ އަސަރެއް ނުކުރާ ހިނދު، ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ކުރިން ރައްކާކުރެވިފައި ހުރި ފައިސާއެއް އެ ފައިސާގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ދެންނެވެވުމަކީ އެ ގަވާއިދުގައި އެ ބުނާ ރޫހަކާ އެއްގޮތަަކަށް ވެސް ދިމާވާ ކަމެއް ނޫންކަން ފާހަގަކޮށްލަން،" މެމްބަރު ސައީދު ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ދިވެހި އެތައް ރައްޔިތުންގެ ފައިސާކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ، "ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް" ހުށަހަޅުއްވާފައި ވާނީ ދައުލަތުގެ ބަޖެޓުން ސީދާ އަސަރެއް ނުކޮށް، މަސްވެރިންނާ ދަނޑުވެރިންނާއި އެހެނިގެން ސެކްޓާތަކުގަައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާތަކެއް ވާނެ ގޮތަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ރައީސްގެ އަރިހުން ވަރަށް ބޮޑަށް އެދެން ސަރުކާރު ހިންގާ ޕާޓީ ނޫން ކަމުގައި ވިޔަސް މި ހާލަތަށް ގުޅުވާފައި، ބިލްް މަޖިލީހަށް ބަލައިގެންދެއްވައި އެންމެ ކުޑަމިނުން މަޝްވަރާކޮށްލުން،" ސައީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް -- ފޮޓޯ/ މަޖިލިސް

ސައީދުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުން ވިދާޅުވީ ބިލު މަޖިލީހަށް ބަލައިިގެން، މަޝްވަރާކުރަން އެމަނިކުފާނުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ސައީދު ހުށަހެޅުއްވި ބިލުގައި ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަންތައްތައް ނެތް ކަމަށް ދެންނެވެން ނެތް ކަމަށެވެ.

"މީ ހާއްސަ ހާލަތެއް ކަމާމެދު އަޅުގަނޑުމެން އެއްވެސް މީހެއްގެ ހިތުގައި ޝައްކެއް ނުއުފެދޭ. އެހެން ނަމަވެސް އަޅުގަނޑު އެންމެ ބޮަޑަށް ގަބޫލުކުރާ އެއް އަސާސަކީ، ހާއްސަ ހާލަތުތަކުގައޭ ގާނޫނީ ދައުލަތް ހިފަހައްޓާން ޖެހޭނީ. ހުރިހާ ގަވާއިދަކާ ގާނޫނުގެ އިންތަކާ މިންތަކާ ފުންމިނާ ފުޅާމިން، މި ހާއްސަ ހާލަތުގައޭ އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނީ، އެއީ އޭ ޒިންމާދާރު ދައުލަތަކީ ވެސް ދެމެހެއްޓެނިވި ދައުލަތަކީ ވެސް އެއީއޭ. އެއީއޭ ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ދައުލަތަކީވެސް. އެއީ އޭ ވަރުގަދަ ދައުލަތަަކަށް ވާނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އެކި ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުންގެ ވާހަކަތަކަށް ވެސް ބެއްލެވުމަށްފަހުގައި ކަމަށެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ދައުލަތުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ދިރާސާކުރުމަށް މަޖިލީހުގެ 12 ކޮމިޓީއަކުން މަސައްކަތް ކުރަމުން އަންނަކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ދެ ކޮމިޓީ ފިޔަވައި ހުރިހާ ކޮމިޓީއަކުން މަސައްކަތް މުޅިން ނިންމައި، ރިޕޯޓުތައް އެކުލަވާލާފައިވާ ކަަމަށާއި، އެ ރިޕޯޓުތަކުގައި 1500 އަށްވުރެ ގިނަ ސަފްހާ އާއި، 300 އަށް ވުރެ ގިނަ ހޯދުމާއި، 300 އަށްވުރެ ގިނަ ހުށަހެޅުން ހިމެނޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މެމްބަރު ސައީދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ބަހުސްކުރަން އެދިވަޑައިގަންނަވާ ކަމަށާއި، ބިލު ބަދަލުކޮށް އަލުން ހުށަހެޅުމަށް ވެސް އެދިވަޑައިގަންނަވަނީ އެހެންވެ ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވަވައިފިން މެމްބަރޭ ކުޑަކޮށް އަދި ކޮށާ މަށާލާފައި ގެންނަވަން ވީނޫންތޯއޭ. އަދި ރަނގަޅަކަށް ނުފެތޭ. ތަޅުއިލި އަޅަންވެގެން އަޅުގަނޑުމެން މިއުޅެނީ. އެހެންވީމަ ރަނގަޅަށް ކަނޑާ ފެއްތީމަ މިކަން ވާނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރައްވާނެ ކަމަށާއި އެ ބިލު ތަޅުމަށް ގެންދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

"ނަމަވެސް އަޅުގަނޑަށް ބިލު ގެނެވޭނީ ގަވާއިދުގެ ތެރެއިން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް