ތިން ބިދޭސީއަކު ޕޮޒިޓިވްވުމާއެކު ތުލުސްދޫ ރައްޔިތުން އިހްތިޖާޖު ކޮށްފި

ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީން އެރަށުން ބާލައި، އެހެން ތަނަކަށް ގެންދިޔުމަށް ތުލުސްދޫ ރައްުޔިތުން އިހްތިޖާޖު ކުރަނީ --- ފޮޓޯ/ ކިޔުންތެރިއެއް

ކ. ތުލުސްދޫގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ ގްރޫޕްގައި ހިމެނޭ އެންމެން އެރަށުން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ގޮވާލައި އެރަށު ރައްޔިތުން މިރޭ އިހްތިޖާޖުކޮށްފިއެވެ.

އެރަށަށް ކޮންސްޓްރަކްޝަން މަސައްކަތެއް ކުރުމަށް ގޮސްތިބި 12 ބިދޭސީންގެ ތެރެއިން މިހާތަނަށް ތިން ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހުން ޕޮޒިޓިވްވީ އެކި ދުވަސްމަތިންނެވެ.

އެ ހުރިހާ ބިދޭސީންވެސް ވަނީ ވަކިތަނެއްގައި އެކަހެރިކޮށްފައެވެ.

ތުލުސްދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ހުރިހާ ބިދޭސީން އެރަށް ނޫން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ކައުންސިލުން އެޗްޕީއޭގައި އެދުމުން އެކަންކޮށްދީފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެޗްޕީއޭގައި ރަސްމީކޮށް އެދުނިން އެ ހުރިހާ ބިދޭސީން މިރަށުން ބާލައި އެހެންތަނަކަށް ބަދަލުކޮށްދޭށޭ. އެޗްޕީއޭ އިން ޖަވާބުގައި ބުނީ ހަމަޖެހިފައިވާ އުސޫލުގެ ދަށުންނޭ އަމަލު ކުރާނީ. މި އަމަލުކުރާ ގޮތަކީ ޕޮޒިޓިވްވާ ވަރަކަށް އެބަޔަކު އެކަނި މި ގެންދަނީ،" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީން އެރަށުން ބާލައި، އެހެން ތަނަކަށް ގެންދިޔުމަށް ތުލުސްދޫ ރައްުޔިތުން އިހްތިޖާޖު ކުރަނީ --- ފޮޓޯ/ ކިޔުންތެރިއެއް

ކައުންސިލް މެމްބަރު ވިދާޅުވީ އެރަށު ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ ރައްޔިތުން އިހްތިޖާޖު ކުރަމުންދަނީ އެހުރިހާ ބިދޭސީން އެރަށުން ފޮނުވާލާފައިނުވާތީ ކަމަށެވެ.

އެގޮތުން އިހްތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ މިހާރުން މިހާރަށް އެ ބިދޭސީން އެރަށުން ބޭލުމަށް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

"މިރަށުގައި އުޅޭ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. އެހެންވެ އެ ބިރުވެރިކަމުން އަރައިގަނެވޭނެ ގޮތަކީ އެ ބިދޭސީން މިރަށުން އެހެން ތަނަކަށް ގެންދިޔުން. އެ ނޫން އެހެން އެއްވެސް ގޮތެއް ނެތް. އެހެންވެ ރައްޔިތުން އިހްތިޖާޖް ކުރަނީ،" ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެބިދޭސީން އެރަށުގައި ތިބުމުގެ ސަބަބުން ރަށް މޮނިޓަރިންގެ ހަލަތުގައި އޮންނަންޖެހޭ ދުވަސް ގިނަވާނެ ކަމަށެވެ. އަދި ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި ރަށް އޮތުމަކީ އިގްތިސޯދީގޮތުން ވެސް އެ ރަށަށް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް