އައިއޯއައިޖީއަށް ތައްޔާރުވުމަށް ގޮތެއް ކަނޑައަޅާނީ ކޮމިޓީއަކުން: މަހްލޫފް

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ މަސައްކަތް މި އަހަރު ފެށުމާ މެދު ގޮތެއް ނިންމާނީ ރައީސް އިބްރާހިމް ސޯލިހް އެކަމަށް ހައްދަވާފައިވާ ހާއްސަ ކޮމިޓީއަކުން ކަމަށް، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އެގާރަވަނަ އައިއޯއައިޖީ 2023 ވަނަ އަހަރު މި ގައުމުގައި ބޭއްވުމަށް ނިންމީ މިދިޔަ އަހަރު އޮތް އައިއޯއައިޖީ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއީ ބައިނަލްއަގުވާމީ ގޭމްސް އެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރަށްވާ އިރު މި މުބާރާތުގެ އިންތިޒާމް ވީހާވެސް ރަނގަޅަކަށް ގެންދިއުމަށް ސަރުކާރުން ބޮޑެތި ޕްލޭންތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާތައް ގާއިމު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ހިމަނާފަ އެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަނީ މެދުކެނޑިފަ އެވެ. ވުމާއެކު ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް މި އަހަރު ނުފެށިއްޖެނަމަ، ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް މިއަދު ވަނީ ވިދާޅުވެފަ އެވެ.

"ވަރަށް ބޮޑު ގޮންޖެހުމެއް މިިއީ. މިއަހަރުތެރޭގައި ގިނަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެގެން މިތިބީ. ނަމަވެސް މިހާރު މި ފެންނަ މަންޒަރުން ވަރަށް ދުރުގައި އޮތް ކަމެއްގެ ގޮތުގައި މި ފެންނަނީ،" ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވި އެވެ.

އައިއޯއައިޖީގެ ބިޑު ޔަގީން ވުމާ އެކު އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ. އެގޮތުން މިކަމަށް ހާއްސަ ކޮމިޓީއެއް ރާއިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެކުލަވާލާފަ އެވެ.

"ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް. މިކަމުގައި ފައިނަލް ޑިސިޝަނެއް ނަގައި، ކުރިއަށް ދެވޭނީ ކޮންގޮތަކަށްތޯ ނިންމާނީ އަޅުގަނޑުމެން މިނިސްޓްރީ ލެވެލްގައި ރައީސް ޖުމްހޫރިއްޔާ އެކުލަވާލާފައި މިއޮންނަ ކޮމިޓީއިން،" މަހްލޫފް ވިދާޅުވި އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިއިރު، ސަރުކާރުން ކުރިން ނިންމާފައި އޮތީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން 2023 ވަނަ އަހަރުގެ ގޭމްސް ކުރިޔަށްގެންދިއުމެވެ.

comment ކޮމެންޓް