ވެކްސިނެއް އުފައްދަން ފައިސާ ހޯދަން ދުނިޔޭގެ ލީޑަރުންގެ އޮންލައިން ކޮންފަރެންސެއް

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް 70 ވެކްސިނެއް ދަނީ ޓެސްޓު ކުރަމުން -- ފޮޓޯ: އޭއެފްޕީ

ބްރަސެލްސް (މެއި 4): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދުމަށާއި ކޮވިޑް-19 ބައްޔަށް ފަރުވާއެއް ހޯދުމަށް 8.2 ބިލިއަން ޑޮލަރު އެއްކުރުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންގެ އޮންލައިން ކޮންފަރެންސެއް މިއަދު ފަށައިފި އެވެ.

އެ ކޮންފަރެންސް އިންތިޒާމު ކުރުމުގައި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އިނގިރޭސިވިލާތާއި ނޯވޭ އައި ޖަޕާން އާއި ކެނެޑާ އާއި ސައުދީ އަރަބިއާއިން ބައިވެރިވި އެވެ. އަދި ކޮންފަރެންސުގައި ވާހަކަ ދައްކަވާނެ ބޭފުޅުންގެ ތެރޭގަައި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން އާއި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ހިމެނެ އެވެ.

އެ ކޮންފަރެންސުގެ މަގުސަދަކީ ވީހާވެސް އަވަހަށް، ދުނިޔޭގެ ހުރިހާ ސަަރަހައްދަކަށްވެސް ފޯރުކޮށްދެވޭނެ އަގުހެޔޮ ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުން އެހީ ހޯދުމެވެ. އަދި އެ ކޮންފަރެންސްގައި ބައެއް ގައުމުތަކުން ވެކްސިން ދިރާސާތަކަށް ފައިސާ ހަދިޔާ ކުރާނެ މިންވަރު އިއުލާން ކުރާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުން 482 މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަން އިއުލާން ކުރާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ.

އެ ފައިސާ ދޭން ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ސިއްހީ ޖަމްއިއްޔާތަކަށާއި ވެކްސިނާއި ފަރުވާ ދިރާސާ ކުރާ ނެޓްވޯކުތަކަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވަނީ އެ ކޮންފަރެންސަކީ "މެރެތަން"އެއްގެ ގޮތުގައި ސިފަ ކުރައްވާ، ކޮވިޑް-19އަށް އުފައްދާ ވެކްސިނެއް "ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އަގު ހެޔޮކޮށް" ލިބެން ހުންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އދ. އިން ވަނީ ދުނިޔެއަށް އާއްމު ހާލަތަށް ރުޖޫއަ ވެވޭނީ ވެކްސިނެއް ހޯދުމުން ކަަމަށް ބުނެފަ އެވެ.

އެ ކޮންފަރެންސުގައި ވާހަކަ ދައްކާ މެމްބަރުންގެ ތެރޭގައި އެމެރިކާގެ އޮފިޝަލުން ނުހިމެނޭ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮރޯނާވައިރަހާ ކުރިމަތިލުމުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޖަމްއިއްޔާއިން އަމަލު ކުރަނީ ޗައިނާއަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ އެމެރިކާއިން އެޖަމްއިއްޔާއަށް ދޭ އެހީ ކަނޑާލާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ކޮރޯނާވައިރަހަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19އަށް ދެވިދާނެ ފަރުވާއެއް ވެސް ސައިންސުވެރިން ދަނީ ޓެސްޓު ކުރަމުންނެވެ.

ދުނިޔޭގައި މިހާތަނަށް 3.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 247،971 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް