ކުޅުންތެރިންގެ އެލަވަންސް ޕްރެކްޓިސްތައް ފެށުމުން ލިބޭނެ: މަހްލޫފް

ޖެނުއަރީ 8، 2020: "ރަން އަހަރު 2019" ގެ ނަމުގައި ޔޫތު މިނިސްޓްރީ އިން ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލާފައި އޮތުމުން ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މިހާރު ދެމުން ނުދާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހޯމަ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން މަހްލޫފް ވިދާޅުވީ އެކި އެކި ކުޅިވަރުތަކަށް ނިސްބަތްވާ ގައުމީ ޓީމުތަކުގެ 318 ކުޅުންތެރިންނަށް ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ހަރަދުވާ ކަމަށެވެ. އަދި މި ދުވަސްވަރު އެއްވެސް ޕްރެޓިސްއެއް ނުކުރާތީ އެލަވަންސް ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން އައި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ޖިންސީ ތަފާތު ކުރުމެއް ނެތި ހުރިހާ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މަހަކު 5،000 ރުފިޔާގެ އުސޫލުން ބޯނަހެއް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެކަމަކު އެއީ ކުޅުންތެރިންގެ މުސާރައެއް ނޫން ކަމަށާއި އެއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމާއެކު، ކުޅުންތެރިންގެ ހާޒިރީ އާއި ފަރިތަކުރުންތައް ދާ ގޮތަށް ބެލުމަށް ފަހު ދެވޭ އެލަވަންސެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވި އެވެ.

"ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ވެސް އިނގޭނެ މިއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމުން ދެވޭ ބޯނަސްއެއްކަން. މި ހާއްސަ ހާލަތު ނިމުމުން ގައުމީ ޓީމުތަކުގެ ޕްރެކްސް ފަށައި ގަނެވުނާއި އެކު އަނެއްކާ ވެސް ކުޅުންތެރިންނަށް ދޭންވާ އެއްޗެއް ދެވިގެންދާނެ."

މަހުލޫފް އިތުރަށް ވިދާޅުވީ ފުޓްބޯޅަ ޓީމުތަކުގެ ކޯޗުނަށް ދެމުން އައި އެލަވަންސް އަކީ ވެސް ކްލަބުތަކާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ތެރެއިން ދެވޭ އެއްޗެއް ކަމަށާއި ވުޒާރާއިން ފައިސާ ދޫކުރާނީ ސީދާ ކްލަބަށް ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު ފެނުނު ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ އެކި ރާއްޖޭގައި ހިންގާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅޭ ހޯލުތަކާއި، ސްޓޭޑިއަމްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި އެއާ އެކު ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކުރިއަށް ދިޔަ ފުޓުބޯޅަ ސީޒަން ވެސް ކެންސަލް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް 527 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާ އިރު އެކަކު ވަނީ އެބަލީގައި މަރުވެފަ އެވެ. އަދި 18 މީހަކު މިހާތަނަށް އެ ބަލިން ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް