ރާއްޖެ ކާމިޔާބަށް ކުރި ދަތުރު: އަސްކަރީ މަރުކަޒުތަކާއި ދަނާލުން!

1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ،

ރިޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ އެކު ބައިނަލް އަގުވާމީ ފުޓުބޯޅައިގެ ހަޔާތެއް ފެށި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ކޮޅަށް، ސަރަހައްދުގެ ބައެއް ޓީމުތަކުން އެ ދުވަަސްވަރު އައީ ގިނަ ލަނޑުތަކެއް ޖަހައި ރާއްޖެ ލަދުގަންނަވާލަމުންނެވެ. ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް ނުފޫޒު ގަދަކޮށްފައި އޮތީ ސަރަހައްދީ ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކަން ބަދަލުވެ ރާއްޖެ ސަރަހައްދީ ބާރަކަށްވެ އަދި ގައުމީ ޓީމުގެ ތާރީހު އަނބުރާލީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ.

ފުޓްބޯޅައިގައި ރާއްޖޭގެ އޭރުގެ "މުދައްރިސް"ގެ ގޮތުގައި ބަލާ ސްރީ ލަންކާ، އެ ގައުމުގެ ބިމުގައި 1-0 އިން ބަލިކޮށް ރާއްޖޭން މުބާރާތުގެ ފައިނަލަށް ދިއުމަކީ ފުޓުބޯޅައިގެ ވައްޓަފާޅިއަށް ވެސް އައި އިންގިލާބީ ބޮޑު ބަދަލެކެވެ. ފައިނަލުގައި ޕާކިސްތާން އަތުން 2-0 އިން ބަލިވި ނަމަވެސް މެޗު ނިންމާލާފައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއެއްގެ ކޮންޑަށް އަތް ވައްޓާލައިގެން އައީ އުފަލުންނެވެ.

ދިވެހިން ފުޓްބޯޅައިގައި ހޯދާފައިވާ ހުރިހާ ކާމިޔާބެއްގެ ބިންގަލަކީ އެއީ ކަމަށް އެ މެޗުގެ ހަނދާންތައް ހުރި ގިނަ ބަޔަކު އަދިވެސް އުފަލާ އެކު ބުނަމުންދެޔެވެ. ހަންގެރީގެ މިކޮލަސް ޓެމިސްވާރީގެ އިރުޝާދާ އެކު، މުހައްމަދު ކަލީމްގެ ކެޕްޓަންކަމުގެ ދަށުގައި، މޫސާމަނިކު (ކުޑަމޫސަ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ކުޅުންތެރިން ހޯދި އެ ކާމިޔާބީ ގައުމީ ފެންވަރުގައި ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

ނަމަވެސް އެފަދަ ބޮޑު ކާމިޔާބީއަކީ ޓަސްލާފައި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. އެތައް ބައެއްގެ މިންނެއް މަސައްކަތެވެ. ކުޅުންތެރިންނާއި، މެނޭޖްމެންޓުގެ ވިސްނުމަށް ގެނައި ބަދަލުތަކާ އެކު މުބާރާތަށް ތައްޔާރުވި ގޮތް އެއީ އާދަޔާ ހިލާފު ހިތްވަރެކެވެ.

"އެއީ ރާއްޖޭގެ ފުޓުބޯޅަ ބަދަލުވި ހިސާބު. އެހިސާބަށް ދާން އަސްލު ކުރި މަސައްކަތްތައް، އެއީ މީގެ ތަންކޮޅެއް ފަހަތަށް ހިނގައްޖެކަމަށް ވަނީ ނަމަ މިހާރުގެ ކުދިންނަށް އިނގެން ޖެހޭނެ ކަންނޭންގެ،" ފުޓުބޯޅައިގައި ރާއްޖެ ހޯދި ފުރަތަމަ ރިހި މެޑަލް ކަރަށް މަހާލި އިރު ކީޕަރަކަށް ކުޅެމުން ދިޔަ މާއްޓޭ ބުންޏެވެ.

މާއްޓޭ ބުނީ ރާއްޖެއިން އެ މުބާރާތަށް ދިޔައީ ތަފާތު ގޮތަކަށް ތައްޔާރުވެގެން ކަމަށެވެ. އަދި ޓީމުގެ ފުއްދުންތެރިކަން އެހާރާއި މިހާރު ވަރަށް ވެސް ތަފާތު ކަމަށާއި، ވަސީލަތްތަކަށް ބެލިޔަސް އެތަފާތު ފެންނަ ކަމަށެވެ. އެހެން ނަމަވެސް ކާމިޔާބީއަށް ކުރި ދަތުރުގެ ހަނދާންތައް މާއްޓޭ ސިފަކޮށްފައި ވަނީ އުނދަގޫ ނަމަވެސް މުހިއްމު މަސައްކަތްތަކެއްގެ ގޮތުގަ އެވެ.

މާއްޓޭ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު ---

"ނުވަދިހަ އެކެއްގެ މުބާރާތަށް ތައްޔާރުވާން ވެގެން އަޅުގަނޑުމެން ދިޔައިން މެލޭޝިޔާގައި އިންނަ މިލިޓަރީ ކޭމްޕަކަށް. އެއީ އެއް ކޭމްޕް. ދެން ޓްރެވިންޑްރަމްގައި އަނެއް ކޭމްޕް ކުރީ. އޭގެ ކުރިއަށް ބަލާކަމުގައި ވާނަމަ އިސްލާމް އާބާދުގައި ކޭމްޕް ކުރިން،" މާއްޓޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރާއްޖޭގެ ގައުމީ ޓީމުން އޭރު ގޮސް ކޭމްޕް ކުރުމަށް ތިބެނީ ތަރި ޖެހި ހޮޓެލްތަކުގައެއް ނޫނެވެ. އޭގެ ބަދަލުގައި ކުޅުންތެރިން އޭރު ތިބެނީ ދަނާލް ފަދަ ތަންތަނުގައި ކަމަށާއި އެހެން ގޮސް އުޅުމުގައި ހޮޓަލެއްގައި ބައިތިއްބައިގެން އެއްވެސް މަންފާއެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"މެލޭޝިއާގައި އަޅުގަނޑުމެން ތިބީ ލޫޓް ކިޔާ ތަނެއްގައި. އެތަނުގައި އަޅުގަނޑުމެން ތިބިން ތިން ހަފުތާ ކޭމްޕް ކޮށްގެން. އެއްވެސް މީހަކު އުޅޭ ތަނެއް ނޫން އެތަނަކީ. ފާހަނާ ވެސް ކުރަން ޖެހެނީ އުޑަފައިން ތިބެގެން. ތިން ހަފުތާ ވަންދެން ކޯޗަކާ އެކީ އެ ހާލުގައި ތިބެގެން އެއް ވާހަކައެއް ދެއްކީ،" މާއްޓޭ ބުންޏެވެ.

މީހުންނާއި ދުރުގައި ގިނަ ދުވަސްތަކެއް އުޅެން ޖެހުނު އިރުގެ ވާހަކަތައް މާއްޓޭ ކިޔައިދެމުން ބުނީ މެލޭޝިއާގެ އެ ކޭމްޕްގައި ތިބުމަށްފަހު އެންމެ ކައިރިއަށް މެޗެއް ވެސް ކުޅެން ދާންޖެހެނީ އެއް ގަޑިއިރު ދުއްވުމަށް ފަހު ކަމަށެވެ. އެހެން ކަމުން ކޭމްޕުގައި ތިބޭ އިރު ޕްރެކްޓިސް ނުކުރާ އިރު ވެސް ދާނެ ވަކި ތަނެއް ނޯންނަ ކަމަށް މާއްޓޭ ބުންޏެވެ.

ރަންގަނޑެއް ކަހަލަ ކޯޗެއް

މާއްޓޭ ބުނި ގޮތުގައި އެ ކާމިޔާބީގެ ފުރަގަހުގައި ޓީމަށް އިރުޝާދު ދިނުމަށް ގެނެވުނު ހަންގެރީގެ ކޯޗު މިކޮލަސް ޓެމިސްވާރީ އަކީ ޓީމަށް ލިބުނު ބޮޑު ނަސީބެކެވެ.

"ނަސީބަކުން އަޅުގަނޑުމެންނަށް ލިބިފައި ހުރީ ވަރަށް ރަނގަޅު ކޯޗެއް. އެއީ ހަންގެރީގެ މިކޮލަސް ޓެމިސްވާރީ. އޭރު ހަގީގަތުގައި އަޅުގަނޑުމެން ބޭނުން ވަނީ ވަރަށް ޑިސިޕްލިނަރީ ކޯޗެއް. އެ ޑިސްޕްލިން ހިފަހައްޓަން މަސައްކަތް ކޮށް، ކުޅުންތެރިންނަށް އެ މޯޓިވޭޝަން ދެވޭނެ ކޯޗެއް." މާއްޓޭ ބުންޏެވެ.

މާއްޓޭ ބުނީ ރާއްޖޭގެ ޓީމަށް އެދުވަހު ކޯޗު ދިން އިރުޝާދުތަކާ އެކު ކުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސް ކުޅުންތެރިންގެ އުޅުމަށް ވެސް ރަނގަޅު ބަދަލުތަކެއް އައި ކަމަށެވެ.

ޖޫލޭ އާއި މާއްޓޭ ވިކްޓަރީގެ ކާމިޔާބެއްގެ އުފާފާޅުކުރަނީ.

"ޑިސިޕްލިންގައި ބައިތިއްބައިގެން ކުޅުވޭނެ ކަހަލަ ކޯޗެއް ބޭނުންވީ. ދޫކޮށްލައިގެން އެހެން ފްރީޑޮމް ދިނުމަށް ވުރެން ހިފޭއްޓުންތެރިކަމާ އެކު ކުޅުންތެރިންނަށް ގައިޑެންސް ދޭނެ ކޯޗެއް ބޭނުންވީ. އެ ހުރިހާ ކަމަކަށް ވެސް މިކޮލަސް ފުދޭ. އޭނަގެ އިރުޝާދުގެ ދަށުން އެފަހަރު އެ ކާމިޔާބީއަށް ވާސިލް ވެވުނީ." މާއްޓޭ ބުންޏެވެ.

އެފަހަރުގެ ކާމިޔާބީއާ އެކު ރާއްޖޭގެ ނަން ސަރަހައްދީ ފުޓުބޯޅައިގައި އަޑު ގަދަވާން ފެށި އެވެ. އަދި ތަށްޓެއް ނުހޯދާ ހިންދެމިނުލާނެ ކަމަށް ބުނެ އެ ދުވަހު ފެށި މަސައްކަތް ކާމިޔާބުވީ އޭގެ 17 އަހަރު ފަހުން 2008 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލުމާ އެކު އެވެ. އަދި އޭގެ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖެއިން ވަނީ އެ ތަށި ދެވަނަ ފަހަރަކަށް ހޯދައި ގައުމަށް އުފާވެރިކަން ގެނެސްދީފަ އެވެ.

"ދެން އަހަރުމެން ހުއްޓާލާނީ ރީޖަންގެ ތަށި ހޯދައިގެން." ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކަލީމް 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލް މެޗަށްފަހު ބުނެފައިވެ އެވެ.

comment ކޮމެންޓް