ބިލު ނުދެއްކުނަސް ހިދުމަތް މެދުކަނޑާނުލަން މިނިސްޓަރު އެދިލައްވައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޯނާއި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް މިހާލަތުގައި ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓެލެކޮމް ކުންފުނިތަކަށް ގޮވާލައްވައިފި އެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސޯދަށް އަންނަމުންދާ ލޮޅުންތަކާއެކު ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، މުސާރަތައްވަނީ ކުޑަކޮށްފަ އެވެ. އަމިއްލަ މަސައްކަތްކޮށްގެން އުޅުނު މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދު ވެފަ އެވެ.

މިއާއެކު، ކުރިން ކުރި ހަރަދުތައްކޮށްހެދުމަކީ ރައްޔިތުންނަށް މިވަގުތު ބޮޑު ދައްޗަކަށް ވަނީ ވެފަ އެވެ. މި ހާލަތުގައި އިންޓަނެޓާއި ފޯނު ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމަކީ އެންމެ އިންސާފުވެރިގޮތްކަކަށް ނުފެންނަ ކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ތެދުވާހަކަތަކެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.

މިވަގުތު ބިލުތައް ނުދެއްކުނު ނަމަވެސް ފަހުން އިގްތިސާދު ހަމައަކަށް އެޅި، މީހުންގެ ވަޒީފާތައް އަނބުރާލިބި މުސާރަތައް ހަމައަކަށް އެޅުމުން އަލުން އެ ބިލުތައް ދެއްކޭނެ ކަމަށް ޓްވީޓު ކުރި މީހާ ބުނެފައިވެ އެވެ.

މިނިސްޓަރު ފައްޔާޒު ވަނީ މި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫ އިން ދެމުންދާ އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

މި ދަނޑިވަޅުގައި ފޯނު އަދި އިންޓަނެޓު ކަނެކްޝަންސް ޑިސްކަނެކްޓު ކުރުން މެދުކަނޑާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކިލައްވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން ދިރާގާއި އުރީދޫ އިން ވަނީ އެ ދެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.

comment ކޮމެންޓް