ރާއްޖޭގައި ވަޒީފާ ގެއްލުނު އަންހެނުން ހިމާޔަތް ކުރަން ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން

ރަށެއްގެ މަގުމަތީގައި އަންހެނުންތަކެއް ހިނގާފައި ދަނީ --- ސަންފޮޓޯ/ މުޒައްޔިނު ނާޒިމް

ކޮވިޑް 19 އިގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއިން ފާހަގަކޮށްފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ އެކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އަދި އެ ރިޕޯޓުގައި ކޮމިޓީއަށް ފާހަގަވި ކަންކަން ވަނީ ހިމަނާފަ އެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން އެތައް އަންހެނުންނެއް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފައި ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދާން ޖެހިފައިވުމުގެ އިތުރުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާމްދަނީ ލިބުމުގެ ދޮރު ބަންދުވެފައި ވުމުގެ ސަބަބުން އެތައް އަންހެނުނަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މިގޮތުން އޭގެތެރެއިން ބައެއް އަންހެނުންނަކީ ކުއްޔަށް އުޅޭ ފަރާތްތަކަށް ވެފައި އާމްދަނީ ލިބުމުގެ ދޮރު ބަންދުވުމުގެ ސަބަބުން ކުލި ދެއްކޭނޭ ގޮތެއް ނެތި އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތިފައި ތިބިކަން ކޮމިޓީއިން ފާހަގަކުރަން." ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިދަނޑިވަޅުގައި އަންހެނުން އުޅެން ޖެހިފައިވަނީ އިތުރު ދަތިތަކާއި ބުރަތަކާއި އެކު ކަމަށް ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެެވެ. އެއީ އާންމުކޮށް ގޭތެރޭގެ ކަންކަން ކުރުމާއި ކުދިން ބެލުމާއި އުމުރުން ދުވަސްވެފައިވާ މައިންބަފައިން ބެލުމުގައި އެންމެ އިސް ރޯލެއް އަދާ ކުރަނީ އަންހެނުންނަށް ވެފައި ލޮކްޑައުންގެ ސަބަބުން ކުދިން ސުކޫލަށް ދިއުން ހުއްޓިފައި އޮތުމުން ހުރިހާ ވަގުތެއްގައިވެސް އެ ޒިންމާ އަންހެނުން ނަގަން ޖެހޭތީ ކަަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި އާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ އާމްދަނީ ލިބުމުގެ މަގު ބަންދުވެފައިވާއިރު، ޝަކުޥާ ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވީ ނަމަވެސް ގޭގައި ތިބެގެން ފެހުމައި ކޭކުއެޅުން އަދި ހެދިކާ ހެދުން ފަދަ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން އެފަދަ މައްސަލަތައް ރިޕޯޓު ކުރުން މަދުވާނެކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"މި ރޯގާގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅޭ އިދާރާތަކުން އެންމެ އެދެވޭ ފިޔަވަޅުތައް އެޅިފައި ނުވާ ކަމާއި މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލު ކުރުމަކީ އިތުރު މައްސަލަތައް ދިމާވުން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅެއްކަން ކޮމިޓީއިން ދެކެން." ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް

  • މިހާލަތާއި ގުޅިގެން ވަޒީފާ އަދި އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އަންހެނުން ދެނެގަތުމަށް ހާއްސަ މަސައްކަތްތަކެއް ރާވައި ކުރިއަށް ގެންދިއުން
  • އެ ފަރާތްތަކަށް ސަރުކާރުން ދޭ ސްޓިމިއުލަސް އަދި ރިލީފް ޕެކޭޖް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން
  • ކޮވިޑް 19 އިގެ ސަބަބުން ފަގީރު ކަމުގެ ހާލަތަށް ވެއްޓިދާނެ އާއިލާތައް ސަލާމަތް ކުރުމަށް ޔުނިވާސަލް ބޭސިކް އިންކަމްއެއް ތައާރަފް ކުރުމަށް ކުރަން ޖެހޭ ދިރާސާތަކާއި މަސައްކަތްތައް ފެށުން
  • އަންއެމްޕްލޯއިމެންޓް ބެނެފިޓް ތައާރަފްކޮށް ވަޒީފާހޯދަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އެ ބެނެފިޓް ދިނުން
  • އަންހެނުންނަށް ހާއްސަ ސިއްހީ އަދި އަސާސީ ވަސީލަތްތަކާއި އާލާތްތަކަކީ އަސާސީ ބޭނުން ގޮތުގައި ކަނޑައަޅައި މެދުނުކެނޑި މިފަދަ ހިދުމަތްތަކާއި އާލާތްތައް ލިބޭނޭ ގޮތް ކަށަވަރުކުރުން

ކޮމިޓީއިން ވަނީ އިކޮނޮމިކް މިނިސްޓްރީއަސް ވަޒީފާއާ ގުޅިގެން ޝަކުވާ ހުށަހެޅި މިންވަރު ބަލާފަ އެވެ. އިކޮނޮމިކް މިނިސްޓްރީއިން ކޮމިޓީއަށް ފޮނުވާފައިވާ މައުލޫމާތުން އެނގޭ ގޮތުން އެޕްރީމް 25 ވަނަ ދުވަހާ ހަމައަށް ޖޮބްސެންޓަރަށް ޝަކުވާ ހުށަހަޅާފައިވަނީ 313 އަންހެނުންނެވެ. އޭގެ ތެރޭގައި މުސާރަކޮށްގެންނާއި ވަޒީފާ ގެއްލުގެން ނުވަތަ ނޯޕޭއަށް ފޮނުވާލުމުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނެ އެވެ.

އެޕްރީލް 25 ވަނަ ދުވަހާ ހަމައަށް މުޅި ޖުމްލަ ޖޮބް ސެންޓަރަށް ހުށަހަޅާފައިވަނީ 1826 މީހުން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުސާރަ ކުޑަކޮށްގެން ޝަކުވާ ހުށަހެޅި 49 އަންހެނުންނާއި 426 ފިރިހެނުންނެވެ. އަދި ވަޒީފާ ގެއްލިގެން ޝަކުވާ ހުށަހަޅާފައި ވަނީ 110 އަންހެނުންނާއި 357 ފިރިހެނުންނެވެ. ނޯޕޭ ލީވްއަށް ފޮނުވައިގެން 464 ފިރިހެނުން ޝަކުވާ ހުށަހެޅި އިރު 96 އަންހެނުންވެސް ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. ސަސްޕެންޑްކޮށްފައިވާކަމަށް ޝަކުވާ ހުށަހަޅާފައިވަނީ 17 އަންހެނުންނާއި 114 ފިރިހެނުންނެވެ.

ކޮމިޓީ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މިއަދުގެ ޖަލްސާއަށް ވަނީ ރިޕޯޓު ތާވަލުވެސް ކޮށްފަ އެވެ.

comment ކޮމެންޓް