ކޮވިޑާ ގުޅިގެން ނޫސްވެެރިން ކުރަނީ ތާރީހީ މަސައްކަތެއް: މަބުރޫކް

މަބްރޫކު ނޫސްވެރިންނާއެކު: މި ކާރިސާގައި ނޫސްވެރިން ކުރާ މަސައްކަތް ތާރީހުގައި ލިޔެވޭނެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ދުނިޔޭގައިވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ މައުލޫމާތު ގެނެސް ދިނުމަށް ރާއްޖޭގެ ނޫސްވެރިން ކުރާ މަސައްކަތް ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކު މިގޮތަށް ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި، ނޫސްވެރިނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވަމުންނެވެ.

އާންމު އުސޫލުން ކޮންމެ ރެއަކުވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަވުން ނިންމަވާލައްވަމުން މަބްރޫކު ވަނީ ހުރިހާ ނޫސްވެރިންނަވެސް ވަރަށް ކުރު މާނަ ފުން ބަސްތަކެއް ދޫކޮށްލައްވާފަ އެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތައް ޝުކުރު ދެންނެވި އެވެ.

"އަޅުގަނޑަށް އެނގޭ ބައެއް ނޫސްވެރިން ތި ތިއްބެވީ ގެއަށް ވަޑައިނުގަތް، އަމިއްލަ ސްޓޫޑިއޯތަކުގައި ރިޕޯޓުކުރެއްވުމަށްޓަކައި، ހަބަރު ހެއްދެވުމަށްޓަކައި. އަދި ގޭގައި ތިއްބެވި ބޭފުޅުންވެސް ތި ކުރައްވާ ކަމަކީ، މިކަމާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހޯދައި ދިނުން،" ނޫސްވެރިންގެ މަސައްކަތައް ޝުކުރު އަދާކުރައްވަމުން މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ބައިވެރިވެވުމަކީ، އޭނާގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އެއް ފަހުރެވެ.

"އަޅުގަނޑަށް ޔަގީން ރާއްޖޭގެ ތާރީހުގައި މި ހިނގައިދާ ބޮޑު ކާރިސާގެ ވާހަކަ ލިޔެވޭ އިރު ތިޔަބޭފުޅުން ގައުމަށްޓަކައި ތި ކޮށްދެއްވާ މިންނެތް މަސައްކަތް ލިޔެވިފައި އޮންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގެ އެންމެ ބޮޑު އެއް ފަހުރު ތިބޭފުޅުންނަށް މި މަސައްކަތުގައި އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ" މަބްރޫކް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

މަބްރޫކު ދެއްވި ޔަގީން ކަމަކީ، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެންއީއޯސީގެ ފަރާތުން ހާމަ ކަން ބޮޑު ގޮތެއްގައި ތަފާތު ކުރެއްމެއް ނެތި ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭނެކަމެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތަކީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެވޭ ފަދަ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ތި ލިޔުއްވާ ލިޔުންތަކަކީ ފުރާނަ ސަލާމަތްކުރެވޭ ކަމަކަށް ވެސް ވެދާނެ. ރަނގަޅު މައުލޫމާތު ރައްޔިތުންނަށް އެރުވުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކުރާ މަސައްކަތަކީ، ވީ އެންމެ ގިނައިން ވީ އެންމެ ހާމަކަން ބޮޑުކޮށް ތަފާތު ކުރުމެއް ނެތި ތިބޭފުޅުންނަށް މައުލޫމާތުތައް އެރުވުން،" މަބުރޫކް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ، މެއި ތިން ވަނަ ދުވަހުގެ ގޮތުގަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށަށް ދިޔަ ދުނަމަވެސް، މިއަހަރު ރާއްޖެ ވަނީ 19 ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.

ނަމަވެސް އަދިވެސް ނޫސްވެރިންގެ ތެރެއިން ގެއްލިފައިވާ ފަރާތްތަކާއި، މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ލިބިފައި ނެތުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ މަރުތަކަށް އިންސާފު ހޯދައިދީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް