ގައުމީ ޓީމުތަކުގެ ގިނަ ކުޅުންތެރިން މީހުންނަކަށް ނޭނގޭ: މާއްޓޭ

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގައި ތިބީ ކޮން ކުޅުންތެރިންނެއްކަން ނޭނގޭ ބައިވަރު މީހުން ރާއްޖޭގައި ވެސް އެބަ ތިބި ކަމަށާއި، އެއީ ދަނޑަށް ވަންނަ މީހުން މަދުވުމުގެ އެއް ސަބަބު ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމު ފުރުއްވަމުން އަންނަ ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ބުނެފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) "އިންސްޓަގްރަމް" މެދުވެރިކޮށް ކުރިއަށްގެންދާ "ޗެޓް ވިތު ޗެމްޕިއަންސް" ލައިވްގައި ވާހަކަދައްކަމުން މާއްޓޭ ވަނީ ރާއްޖޭގެ ކުރިއާއި މިހާރުގެ ކުޅިވަރުތައް ކުރިއަށް ދިޔަ ގޮތްތައް އަޅާ ކިޔައި، ކުރިން ކުޅިވަރުތަކަށް އޮތް ފޯރި އަލުން ގެނެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ފަހަކަށް އައިސް ކުޅިވަރަށް ލޯބި ކުރ ގިނަބަޔެއްގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮންނަ އެއް ކަންތައް ކަމަށްވާ ދަނޑުތައް ހުސްވުމުގެ ވާހަކަ ދައްކަމުން މާއްޓޭ ބުނީ މިވަގުތު ރާއްޖޭގައި ތިބި ކުލަބުތަކާއި، ގައުމީ ޓީމުގައި ތިބީ ކޮން ކުޅުންތެރިންނެއް ކަން ނޭންގޭ ގިނަ ބަޔަކު ތިބި ކަމަށެވެ.

މާއްޓޭ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު ---

"ދަނޑަށް ވަނުމުގައި މީހުން އެބަ ގެއްލޭ. އަޅުގަނޑުމެންގެ އެތައް ޖެނަރޭޝަންތަކެއް ގެއްލިއްޖެ. މިއަދު ނޭޝަނަލް ޓީމުގައި ތިބި ގިނަ ކުޅުންތެރިން ނޭންގޭ މީހުން އެބައުޅޭ ބައިވަރު. އެހެންވެ ގެއްލެމުން ގެއްލެމުން އެދަނީ،" މާއްޓޭ ބުންޏެވެ.

ގައުމީ ޓީމުން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ގޯލް ބެލެހެއްޓި މާއްޓޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ ފަހުން ކޯޗިން ކެރިއަރު ފަށައި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އަށް 2002 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކޮށްދީފަ އެވެ.

މާއްޓޭ ބުނީ ކުޅިވަރުތަކާއި، ސަޕޯޓަރުންނާއި ދެމެދު އޮތް ގުޅުން ގުޅުވައިދޭނެ މެކޭނިޒަމެއް ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު އެންމެ ބޮޑު ޓާގެޓަކަށް ހަދަން ޖެހެނީ ޒުވާނުން ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އިންޓަނެޓް ބަދަލުވީ، މިއަދު އަޅުގަނޑުމެން މިބުނާ މެޗުތައް ބަލަން އެންމެ ފޯރީގައި، އެންމެ ހީވާގިކޮށް ތިބީ މިލިނިއަމް އޭޖް ގްރޫޕް. މި ޔަންގް އޭޖް ގްރޫޕް. އެމީހުންގެ ފޯކަސް މިހާރު ބަދަލުވެއްޖެ. އެމީހުންނަކަށް މާބޮޑު ވެލިއުއެއް ފުޓުބޯޅައަކުން ނުލިބޭ،"

މާއްޓޭ ބުނީ، ޒުވާން ކުދިންނަށް ދަނޑަށް ގޮސް މެޗުބަލަން ތިބޭ ވަގުތުގެ ބަދަލުގައި އިންޓަނެޓް ބޭނުންކޮށްގެން އެންޓަޓޭންމެންޓެއް ބަލާލުމުން މާ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުލަބުތަކުން ޕްރިޕެއާ ވާން އެބަޖެހޭ އެކަންކަން ކެޕިޓަލައިޒް ކުރާނެ ގޮތްތަކެއް ހޯދަން. މި އަންނަ އިންޑައިރެކްޓް ކޮމްޕެޓިޝަންތައް. އެހެން އެންޓަޓައިންމެންޓްތައް ވެސް އައިސްފި. ކުރީގަ ވެއްޖެއްޔާ މީޑިއާތައް ފޮލޯ ކުރާނީ ފުޓުބޯޅަ އެކަނި. މިހާރުވެއްޖެއްޔާ ވޮލީ ވެސް އެބަ ފޮލޯ ކުރަންޖެހޭ، ފުޓުބޯޅަ ވެސް އަދި ބަށިވެސް ފޮލޯ ކުރަންޖެހޭ. އެއްބައެއް މިތިބީ."

މާއްޓޭ އިތުރަށް ބުނީ ކުރީގަ ތިބި މީހުން އަލުން ގެނެވޭނީ، ކުލަބުތައް ވެސް އިންސްޓިޓިއުޝަނެއް ގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ވަކި ވަކި ކުޅިވަރުތަކަށް އޮންނަ ފޯކަސް އިތުރު ކުރަން ޖެހޭ ކަން ވެސް މާއްޓޭ ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް