ދައުލަތަށް ފާރަވެރިވެ ނޫސްވެރިން ކުރާ މަސައްކަތް ރަނގަޅު: އެޗްއާރްސީއެމް

ނޫސްވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރުކުރުމަށް ނޫސްވެރިން ކުރަމުންގެންދާ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފާހަގަކޮށްފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާަނެއްގައި ބުނެފައި ވަނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން ޖެހިފައި ވަނީ ކޮވިޑް19 ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ އުނދަގޫ ވަގުތުގައި ކަމަށެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގަމުންދާ މިދަނޑުވަޅުގައި، ބައްޔާަ ގުޅޭ ގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ދައުލަތުން ކުރަމުންދާ މަސައްކަތް އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ސައްހަ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ނޫސްވެރިން ކުރަމުންގެންދާ ބުރަ މަސައްކަތްވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ކޮވިޑުގެ ހާލަތު އޮތްގޮތާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފޯރުކޮށްދޭ މައުލޫމާތާއި، ކޮވިޑާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ޒިންމާދާރުކުރުމަށް ނޫސްވެރިން ކުރަމުންގެންދާ މަސައްކަތް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމް އިން ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތުގައި، ހުރިހާ ފަރާަތްތަކުން ވެސް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭންޖެހޭ ކަމަށެވެ.

އަދި ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، ސައްހަ މައުލޫމާތު ފެތުރުމަށް އިސްކަންދީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ސަމާލުކަން ދިނުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު ނޫސްވެރިން ކުރާ އިޖްތިމާއީ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ކޮވިޑް ފަދަ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގައި، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް ކުރާ މަސައްކަތް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން ކޮވިޑުގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކުގެ ޒާތީ މިނިވަންކަމަށް އިހްތިރާމްކޮށް ހަބަރާއި މައުލޫމާތު ފެތުރުމަށާއި ނޫސްވެރިކަން ކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް އިހްތިރާމްކޮށް، އިންސާނީ ގަދަރާއި އިހްތިރާމާއި، މުޖުތަމައުގެ އާއްމު އަހްލާގީ މިންގަނޑު ހިފެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ނޫސްވެރިން ބިނާކުރުމަށް، ދާއިރާގެ ތައުލީމާއި ތަމްރީން ލިބޭނެ މަގު ތަނަވަސްކޮށްދީ، އެފަދަ ފުރުސަތުތައް އިތުރުކުރުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ، "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއް ނެތި ނޫސްވެރިކަން" އެވެ.

އެ ޝިއާރުން ބާރުއަޅަނީ ބިރުވެރިކަމެއްނެތި އަދި ވަކިފަރާތަކަށް ބުރަވުމެއްނެތި ނޫސްވެރިކަން ކުރުމަށެވެ. އެގޮތުން، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި، ސިޔާސީ އަދި ވިޔަފާރިވެރިންގެ ނުފޫޒެއްނެތި މިނިވަންކަމާއެކު ޕްރޮފެޝަންލްކޮށް ނޫސްވެރިކަން ކުރުމާއި، މީޑިއާގެ ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން އޮތުން މި ޝިއާރުން ބާރުއަޅައެވެ.

comment ކޮމެންޓް