ޔޫރަޕުގެ އިގްތިސާދު ހީނަރުވުމާއެކު ޓޫރިޒަމް ކޮޅަށް ޖަހަން ދުވަސް ނަގާނެ: އެމްއެމްއޭ

ޓޫރިސްޓުންތަކެއް އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ޔޫރަޕުގެ މުހިންމު މާކެޓުތަކަށް އައި އިގްތިސާދީ ހީނަރުކަމާއެކު މިއަހަރު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަންނަން ދަތިތަކެއް ކުރިމަތިވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ކޮވިޑް19އާ ގުޅިގެން މިއަހަރަށް ލަފާކުރެވޭ ކަންތައްތަކާއި އައިސްފައިވާ ބަދަލުތައް ވަނީ ހިމަނާފަ އެވެ. އެ ރިޕޯޓުގައި ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުން އެންމެ ބޮޑަށް ބިނާވެފައިވަނީ ޓޫރިޒަމް ސިނާއަތަށެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް މުޅިން ހުއްޓުމަކަށް އައިސްފައިވާއިރު، މި ސިނާއަތް އަލުން ފަށައިގަތުން ބަރޯސާވާނީ ވައިރަހުގެ އަސަރު ކުރާ މިންވަރު ވީހާ ވެސް ކުޑަކުރުމަށް ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑެތި މާކެޓުތަކަކީ ޔޫރަޕުގެ ގައުމުތަކެވެ. ޔޫރަޕު ބައްރުގެ މުހިންމު ސޯސް މާކެޓުތަކުގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުން އިތުރަށް ލަސްވާނެ ކަމެއް ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އަދި މީގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޓޫރިޒަމް ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއަށް އައި 1.7 މިލިއަން ފަތުރުވެރިންގެ ތެރެއިން 833،939 މީހުންނަކީ ޔޫރަޕުން އައި މީހުންނެވެ. މިއީ މާކެޓުގެ 49 ޕަސެންޓެވެ.

މީގެ އިތުރުން ދައުލަތުގެ އާމްދަނީއާއި ދަރަންޏާ ގުޅޭ ބައެއް މައުލޫމާތު ވެސް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ހިއްސާކޮށްފަ އެވެ. ކުރިން ދައުލަތުގެ ދަރަނި ކުޑަކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު އެމްއެމްއޭއިން ލަފާކުރަނީ މިއަހަރު ދައުލަތުގެ އާމްދަނީ ދަށްވެ، ދަރަނި އިތުރުވާނެ ކަމަށެވެ.

ސަބަބަކީ ޓޫރިޒަމްއާއި ޓެކްސްގެ އާމްދަނީ (ހާއްސަކޮށް ބީޕީޓީއާއި ޖީޖީއެސްޓީ) ދަށްވުމާއެކު ދައުލަތުގެ ހަރަދުތައް އިތުރުވުމެވެ. ކޮވިޑް19އިން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި ވިޔަފާރިތަކާއި އާންމުންނަށް އިގްތިސާދީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ ދައުލަތުގެ ހަރަދު މިއަހަރު އިތުރުވާނެ ކަންތައްތަކެވެ.

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ޑެފިސިޓު ކުޑަކުރުމަށްޓަކައި ކޮވިޑް19އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. ހަމައެއާއެކު ބޭރު ދަތުރުތަކަށް ކުރާ ހަރަދުތަކާއި އިމްޕޯޓަށް ކުރާ ހޭދަ ކުޑަވުމަކީ ކަރަންޓު އެކައުންޓް ޑެފިސިޓް ކުޑަވާނެ ކަންތައްތަކުގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން އެކި ފަރާތްތަކުން ލިބޭ މާލީ އެހީތެރިކަމާއި ޓޫރިޒަމަށް އައި ހީނަރުކަމާއެކު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ކުންފުނިތަކަށް ލިބޭ ފައިދާ ގައުމުން ބޭރުކުރުން މަދުވުމުން ވެސް ޑެފިސިޓް ކުޑަވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި ކޮވިޑް19އާ ވިދިގެން ކުރިމަތިވެފައިވާ މާލީ ކާރިސާއަކީ ވަގުތީ ކަމެއް ނަމަވެސް، މީގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު އެނގޭނީ މިކަން ދެމިގެންދާ މުއްދަތުން ކަމަށެވެ. މިއަހަރު ޖީޑީޕީ ކުރިއަރާ މިންވަރު 7.5ގައި ހުންނާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެ އަދަދު ބޮޑުތަނުން ހީނަރުވާނެ ކަމަށް މިދިޔަ މަހު އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް