މަނަދޫ އިން 15 ސިއްހީ ޚިދުމަތްތެރިން އެކަހެރިކޮށްފި

ނ. މަނަދޫ--

ނ. މަނަދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ 15 ސިއްހީ ޚިދުމަތްތެރިއަކު އެކަހެރިކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އެމީހުން އައިސޮލޭޝަނަށް ދާން އެންގީ އެރަށުން ކޮވިޑް19އަށް ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓްވެފައި ހުރުމުން ކަމަށެވެ.

"މަނަދޫގެ 15 ހެލްތު ކެއާ މަސައްކަތްތެރިން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އައިސޮލޭޝަންގައި މަޑުކުރުމަށް ވާނީ އެންގިފައި. މަނަދޫއިން މާލެއަށް ގެނެވުނު [ކޮވިޑް19އާ ގުޅިގެން ނޫން، އަލާމަތްތައް ވެސް އެގޮތަށް ހުރެގެނެއް ނޫން] ބަލި މީހެއްގެ ފަރާތުން ނެގުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާތީވެ އޭނާއަށް ކޮންޓެކްޓްވެފައިވާތީ،" މަބްރޫކް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މަނަދޫ ހޮސްޕިޓަލުގައި އާންމުކޮށް މީހުން ބަލާ ގަޑިތައް މަދުކޮށް، އިތުރު ގަޑިތައް ހަމައެކަނި އެމަޖެންސީ ކޮންސަލްޓޭޝަނަށް ހާއްސަކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަނަދޫއިން ޕޮޒިޓިވްވި މީހާއަކީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ އަކީ، މީގެ 14 ވަރަކަށް ދުވަސް ކުރިން ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށް ފަހު އެ ރަށަށް އެނބުރި ދިޔަ އަންހެނެކެވެ. އަދި ޕޮޒިޓިވްވިކަން އެނގުނީ ހާލު އިތުރަށް ގޯސްވެގެން ރޭ މާލެ އައުމަށްފަހު ޓެސްޓް ކުރުމުންނެވެ.

comment ކޮމެންޓް