ކައުންސިލްތަކުން ހަވާލުނުވާ ކަދުރު، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް

ސައުދީ އަރަބިއްޔާ އިން މީގެކުރިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރުގެ ތެރެއިން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް، ކައުންސިލްތަކުން ހަވާލުނުވާ ކަދުުރު، ބިދޭސީން ބައިތިއްބާފައި ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނު ފެސިލިޓީތަކަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި އަހަރުގެ ރަަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަނުން ވަނީ ކަދުރު ހަދިޔާލުރައްވައިފައެވެ.

ބައެއް ކައުންސިލުތަކުން ކަދުރާ ހަވާލުވެފައިވާއިރު، އަދިވެސް ބައެއް ކައުންސިލްތަކުން ކަދުރާ ހަވާލުވެފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކަދުރާ ހަވާލުވުމަށް މީހަކު ފޮނުވާފައިނުވާ ކައުންސިލްތަކުން، 11 މެއި ވާ ހޯމަ ދުވަހުގެ 17:00 ގެ ކުރިން މާލޭގައި މިވަގުތު ހުރި މީހަކު ހަމަޖެއްސެވުމަށްފަހު، ކަދުރާ ހަވާލުވުމަށް މިނިސްޓްރީއަށް ފޮނުވަން އެދޭކަމަށެވެ.

އަދި މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ކައުންސިލްތަކުން ކަދުރާ ހަވާލުވެ، ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އަދި މިކަންތައް ކައުންސިލްތައް މެދުވެރިކޮށް ހަމަޖައްސަވައި ދެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރަމެވެ." މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތުގައި ކައުންސިލުތަކުން ހަވާލުނުވާ ކަދުރުތައް މަސައްކަތުގެ ގޮތުން އެކަހެރިވެފައި ތިބި މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކަށް ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި އެއީ މި ހާލަތުގައި މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ދެކޭކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް