ހާލަތު ބަލަން މިނިސްޓަރު އަމީންއާއި ސިއްހީ ޓީމެއް ނަރުދޫއަށް

ހެލްތު މިނިސްޓަރު އަމީންއާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ޑޮކްޓަރުން ހިމެނޭ ޓީމެއް ނަރުދޫއަށް ވަޑައިގެން އެރަށުގެ ހާލަތު ބައްލަވާލައްވަނީ--

މާލެއަށް ފަހު އެންމެ ބޮޑަށް ކޮވިޑް19 ފެތުރެމުންދާ، ށ. ނަރުދޫގެ ހާލަތު ދެނެގަތުމަށް ސަރުކާރުގެ އިސްވެރިންނާއި ސިއްހީ ޓީމެއް އެރަށަށް މިއަދު ޒިޔާރަތްކޮށްފި އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ނަރުދޫއަށް ދިޔަ ޓީމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އައިޖީއެމްއެޗްގެ ޑރ. އަލީ ލަތީފްއާއި އެލްޖީއޭގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް "ސަން"އަށް ވިދާޅުވީ އެރަށަށް ޒިޔާރަތްކުރި ޓީމާ ބައްދަލުކޮށްލަން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ރަށު ރައްޔިތުންނާއި ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަކުރިން މިކޮޅުގައި ރައްކާތެރިކުރުމުގެ ގޮތުން ބޭނުންވާ ވަސީލަތްތައް [މާސްކު، އަންގި ފަދަ ތަކެތި] ނެތީމަ ކަންބޮޑުވާކަން. އެކަހަލަ އެއްވެސް އެއްޗެއް އަދި މިހާތަނަށް ސަރުކާރުން މި ރަށް، މިހާލަތަށް އައިފަހުން ފޯރުކޮށްދީފައެއް ނެތް." އާރިފް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީންއާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ޑޮކްޓަރުން ހިމެނޭ ޓީމެއް ނަރުދޫއަށް ވަޑައިގެން އެރަށުގެ ހާލަތު ބައްލަވާލައްވަނީ--

ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެތަކެތި ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ސީދާ ވިދާޅުނުވާ ކަމަށާއި ނަމަވެސް ފައިސާގެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އާރިފް ވިދާޅުވި އެވެ. ނަމަވެސް ފައިސާގެ އެހީތެރިކަން ލިބޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަން ވިދާޅުނުވާ ކަމަށް ވެސް އާރިފް ފާހަގަކުރެއްވި އެވެ.

"މިކަހަލަ [އެތަކެތި ފޯރުކޮށްދޭނެކަމުގެ] އެއްވެސް އިޝާރާތެއް ނެތް، ނިންމާލަމުން ފާހަގަކުރި ހެލްތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން 10،000 ވަރަކަށް ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް. އަޅުގަނޑުމެންނަކަށް ނޭނގޭ މިކަމެއް ނިމޭ ފަހުން ކަމެއް ލިބޭނީ." އާރިފް ވިދާޅުވި އެވެ.

ރަށަށް ބޭނުންވާ ރައްކާތެރިކަމުގެ ވަސީލަތްތައް ނެތްކަން ފާހަގަކުރައްވައި އާރިފް ވިދާޅުވީ މި ހާލަތުގައި އެ ރަށު ރައްޔިތުންނަށް ހިދުމަތް ދޭން އުޅޭ މީހުންނަށް އެކަން ކުރެވޭނީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން ކަމަށެވެ.

"ފަހު ވަގުތުގައި އަޅުގަނޑު ފާހަގަކޮށްލިން ސީޕްލޭނެއް ޗާޓަރުކޮށްގެން ސީދާ ނަރުދޫއަށް ތިބޭފުޅުން ވަޑައިގަތުމުގެ ބަދަލުގައި ތިކަމަށް ދާ ހަރަދު އަޅުގަނޑުމެންނަށް ދިން ނަމަ މާ ރަނގަޅުވީހޭ. އެކަހަލަ ބޭކާރު ހަރަދުތަކެއް އެ ކޮށްލެވެނީ." އާރިފް ވިދާޅުވި އެވެ. "މި ރަށު ރައްޔިތުން ވަކި އުފަލެއް ނުވާނެ އެ ބޭފުޅުން އަޔަސް. އޭގެ ބަދަލުގައި [އެ ދާ ހަރަދުގެ ބަދަލުގައި] އަޅުގަނޑުމެންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ވަސީލަތްތައް ދޭނަމަ މާ އުފާވާނެ، ހިތްހަމަ ޖެހޭނެ މި ހާލަތުގައި. އަނެއްކާ ކޮންމެ ބޭފުޅެއް ކަމަށް ވިޔަސް މިހާލަތުގައި މި ރަށަށް އައުމަކީ ވެސް ބިރުބޮޑުކަމެއް."

ގާތްގަނޑަކަށް 600އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ. ނަރުދޫއިން މިހާތަނަށް 11 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓީވްވީ މިދިޔަ މަހުގެ 16ވަނަ ދުވަހު މާލެއިން އުތުރުގެ ބައެއް ރަށްރަށަށް ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި އެވެ.

comment ކޮމެންޓް