ނަރުދޫގެ ސިއްހީ ހާލަތާމެދު ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ށ. ނަރުދޫ -- ފޮޓޯ: ކައުންސިލް

ކޮވިޑް19 ފެތުރެމުންދާ ށ. ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅުކުރެވިފައި ނުވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަރުދޫއަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވި ރަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ނަރުދޫގައި ކޮވިޑް19އަށް ޓެސްޓު ކުރެވޭނެ ނެތްކަމަށާއި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދިނުމަށް އެކަށީގެންވާ ޓީމެއް ވެސް ނެތް ކަމަށް އެރަށުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެރަށުން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި އެތައް ބަޔަކު އެބަތިބި ކަމަށާއި ނަމަވެސް އެމީހުން ވަކިން ގެންގުޅެވޭނެ ފެސިލިޓީއެއް ވެސް ގާއިމުވެފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނަރުދޫ މިހާރު ލޮކްޑައުން ހާލަތުގައި އޮތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ބުނީ ރަށުން ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ވެސް ރަށުން މިހާރު ލިބެން ނެތް ކަމަށެވެ. އަދި މި ދުވަސްވަރު ރައްކާތެރިކަމަށް ބޭނުންވާ މާސްކު، ސެނިޓައިޒާ އަދި އަންގި ފަދަ ތަކެތި ރަށުން ނުލިބުމަކީ ރަށު ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައިވާ މައްސަލައެއް ކަމަށް ވެސް ފާހަގަކުރެ އެވެ.

މިފަދަ ހާލަތެއްގައި ނަރުދޫ ފަދައިން ވައިރަސްގެ އަސަރު ކޮށްފައިވާ އެހެން ރަށްރަށަށް ސަރުކާރުން ދޭ ސަމާލުކަމަށް އިތުރު ކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި ކޮންމެ ރަށަކަށް ވެސް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދީ، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ގޮވާލާފައިވެ އެވެ.

ގާތްގަނޑަކަށް 600އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ. ނަރުދޫއިން މިހާތަނަށް 11 މީހަކު ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް