ހޯމް އައިސޮލޭޝަން ނިންމުމަށްފަހު މަހްލޫފް އެނބުރި ޑެލިވަރީއަށް

މިނިސްޓަރު އަހްމަދު މަހްލޫފް، އިހްސާނު ފިހާރައިގެ ޑެލިވަރީގައި --- ފޮޓޯ: ސޯސަލް މީޑިއާ

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ފިހާރައިގެ ޑެލިވަރީގައި އުޅުއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް 15 ދުވަހުގެ ހޯމް އައިސޮލޭޝަނަކަށް ފަހު އަލުން އެ މަސައްކަތަށް ނުކުމެވަޑައިގެންފި އެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 15 ދުވަހަށްފަހު އިހުސާން ފިހާރައިގެ މުވައްޒަފުންނާ އެކު ޑެލިވަރީ މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

"މިކަމުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެޗްޕީއޭ އިން ޑެލިވަރީ ކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމުން ބަލިޖެހުމުގެ ފުރުސަތު ކުޑަވާކަން." މަހްލޫފް ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.

ވޮލެންޓިއަރެއްގެ ގޮތުން އިހުސާނު ފިހާރައިގެ ޑެލިވަރީގައި މިނިސްޓަރު މަހްލޫފް ބައިވެރިވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިހްސާން ފިހާރަ ހިމެނޭގޮތަށް އެހެން ބައެއް ފިހާރަތަކުގެ ޑެލިވަރީގައި ވެސް މަހްލޫފާއި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުންގެ ޓީމް ވަނީ ބައިވެރިވެފައެވެ.

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ސަރުކާރުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ހާމަ ކުރި ހިސާބުން މިނިސްޓަރ މަހްލޫފް ވެސް އަމިއްލަ ގޭގައި 14 ދުވަސް އައިސޮލޭޓް ވުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

މިނިސްޓަރު ގޭގައި މަޑުކުރެއްވި ނަމަވެސް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓިއަރުންގެ ޓީމުގައި ހިމެނޭ 500 އަށް ވުރެ ގިން ފަރާތްތަކާއި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ ސްޓާފުން ވަނީ މަސައްކަތުގައި ބައިވެރިވެފަ އެވެ. މިނިސްޓަރު ގޭގައި މަޑުކުރެއްވުމުން ވަގުތީ ގޮތުން ވޮލަންޓަރީ ޓީމާއި ހަވާލުވެ ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރް އަސްހަދު އަލީ އެވެ.

މި ޓީމުން ވަނީ އިސްލާމިކް މިނިސްޓްރީގެ އެދިލެއްވުމުގެ ދަށުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ގޭގެއަށް ބެހުމުގެ މަސައްކަތާއި، ޔުނިސެފްގެ އެހީތެރިކަމާ އެކު ދީފައިވާ ޕެކޭޖުތައް މާލެ އަދި ހުޅުމާލޭ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް 519 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެކަކު ވަނީ އެ ބަލި ޖެހިގެން މަރުވެފަ އެވެ. އަދި 18 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް