ޒަމާނާ އެކު ބަދަލުވި ދެލޮނު ގިތީގެ ރެސިޕީ!

ކުޅުދުއްފުށީގެ ބަނބުކެޔޮ ގަހެއް-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ސަން ބަދިގޭގައި އަހަރެމެން ގެނެސްދިން 'ދެލޮނު ގިތި' މިވީ ހަގީގަތުގައިވެސް ކުޅުދުއްފުށީގެ ހިތުގައިވާ ރެސިޕީއަކަށެވެ. ޒަމާނީ ބަދަލުތަކާއެކު އެކި މީހުން މި ތައްޔާރުކުރަމުން އަންނަ ގޮތަށް ތަފާތު ތަކެއް އައިސްފައިވީ ނަމަވެސް، ދެލޮނު ގިއްޗަށް މީހުންގެ ހިތުގައިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ސަން ބަދިގޭގައި އާމިނަތު ލިއުޝާ ތައްޔާރުކޮށްފައިވާ މި ރެސިޕީއަކީ އޭނާގެ އާއިލާގައި ދެލޮނު ގިތި ތައްޔާރުކުރެވޭ ގޮތެވެ. މި ރެސިޕީ ތައްޔާކުރީ ކިރުއަޅާ ކައްކައިގެނެވެ. އެއާއިއެކު ނުކައްކާ މަސްހުންޏެއްހެން މޮޑެގެންވެސް ދެލޮނު ގިތި ތައްޔާރުކުރެ އެވެ.

https://sun.mv/135912

އެހެންކަމުން ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ގިނަ ބަޔަކު މި ރެސިޕީ ތައްޔާރުކުރާގޮތްވެސް ހިއްސާކޮށްލާނަމެވެ. މި ރެސިޕީ ސަންއާއި ހިއްސާކޮށްފައިވަނީ ހައިޝަމް އަބޫ ބަކުރެވެ. އާންމުކޮށް އަދި އެންމެ ޒަމާނުއްސުރެވެސް މި ތައްޔާރުކުރެވޭ ގޮތެވެ.

ހައިޝަމްގެ މަންމަ ބުނާގޮތުން ދެލޮނު ގިތި ނުހަދާ ދުވަސްވަރެއް ހަނދާނެއް ނުހުރެއެވެ.

"އަހަރެމެން އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް މިކައިއުޅެން. މާމަމެންވެސް ދެލޮނު ގިތި ހަދާތީ ފެންނަނީ ހަމަ މިހެން. ކޮންމެ ބަނބުކެޔޮ މޫސުމެއްގައިވެސް ބަތްޕެނާއިއެކު މިކައިއުޅެން" އޭނާ ބުންޏެވެ.

މި ނަމަކީވެސް ތަފާތު ނަމަކަށް ވާއިރު، ދެލޮނު ގިތީގައިވާ ގިތި މިއީ ބަނބުކެޔޮ އެންމެ ދޮންނުވާއިރު ކިޔާ ނަމެވެ.

ބޭނުންވާ ތަކެތި

  • 1 ގިތި (ދޮންނުވާ ބަނބުކެޔޮ)
    1 ފިޔާ - ތުނިކޮށް ކޮށާފައި
    ހިކަނދި ފަތް - ކޮށާފައި
    1 ގަނޑު ވަޅޯމަސް - ކޮށާފައި
    ގިތެޔޮ މިރުސް/ހިކި މިރުސް - ކޮށާފައި
    1 ކިބަ ކާށީގެ ހުނި
    ރިހާކުރު
    ލުނބޯ
    ލޮނު
    ދިރި (ހައެއްކަ ފުއް)

ގިތީގެ ތޮށިމަށައި ކަރުގަނޑު ނެގުމަށްފަހު ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ކުޑަ ލޮނުކޮޅެއް އަޅައި ގިތިކޮޅު މަޑުވަންދެން ފެނުކެއްކުމަށްފަހު ފެންފޮދު އޮއްސާލާށެވެ.

ރަހަލާވަރަށް ލޮނާއި ލުނބޯހުތް ޖަހައިގެން ފިޔާ، މިރުސް، ހިކަނދި ފަތް އަދި ވަޅޯމަސްކޮޅު މޮޑެލުމަށްފަހު ކާށިހުންޏާއި ރިހާކުރު އަޅައި މޮޑެލާށެވެ. އެއަށްފަހު ފެނުކެއްކި ގިތި އަޅައި މޮޑެލުމަށްފަހު ރަހަހެޔޮވަރުކޮށްލާށެވެ. އަދި ދިރިކޮޅު އަތުން ފުނޑުވާލުމަށް ފަހު އެއްކޮށްލާށެވެ.
އެއަށްފަހު ވަރަށް މަޑުގިނީގައި 5 މިނިޓް ވަންދެން ހޫނުކޮށްލާށެވެ.

ތަފާތު ދެ ރެސިޕީއެއް މިހެން އޮތްކަމުގައިވިޔަސް މީގެ މައިގަނޑަކީ ހަމަ އެކައްޗެކެވެ. ކުޅުދުއްފުށީގެ އެހެން ރައްޔިތެއް ބުނާގޮތުން، ކިރުއަޅައ ކައްކައިގެން ތައްޔާރުކުރާ ރެސިޕީވެސް އަދި ނުކައްކާ މޮޑެގެން ތައްޔާރުކުރާ ރެސިޕީޢަކީވެސް ގޯސް ނޫނީ ނުބައި ގޮތެއްނޫނެވެ.

މިފަދަ ރެސިޕީތަކަކީ ވަކި ގޮތަކަށް ލިޔެވިގެން ތައްޔާރުކުރެވިފައިވާ ބާވަތްތަކަކަށް ނުވުމުން އެކި ގޭގައި ބޭނުންކުރާ ތަކެއްޗާއި އަދި ތައްޔާރުކުރާ ގޮތުގައިވެސް ތަފާތުތަކެއް ހުރުން އެކަށީގެންވެއެވެ.

"އިހު ޒަމާނުގައި ގޭތެރޭގައި ކައްކާ ކެއްކުމަކީ ރެސިޕީ ލިޔެގެން ކުރާ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުގެ ނަޒަރުގައި މިހިރީ އޮލްޓަނޭޓިވްސްތަކެއް. އެހެންވީމާ ވެސް ރެސިޕީތަފާތުވެދާނެ" އޭނާ ބުންޏެވެ.

ހަމައެޔާއެކު އޭނާ ބުނިގޮތުން އަޖިނަމަޓޯ، ވަޅޯމަސް، ރިހާކުރު މިއީ ހުސްވެސް މަސްރަހަ ލެއްވުމަށްޓަކައި މީހުން ބޭނުންކުރާ އެއްޗިއްސަށްވާއިރު، އެގެއްއެގައި އެވަގުތެއްގައި ހުރި އެއްޗެއް ބޭނުންކޮށްފައި އެގޮތަކަށް ދެލޮނު ގިތި ތައްޔާރުކޮށްފާނެ އެވެ.

"އެހެން ބައެއް ރަށްތަކާއި އަޅާބަލާއިރު ކުޅުދުއްފުއްޓަކީ އެންމެ މަސްވެރި ރަށެއް ނޫން. ކުޑައިރުގައި މިގޭގައިވެސް އަބަދުމެ ރިހާކުރު ފަދައެއްޗެހި ނުހުރޭ. އެހެންވީމަ ބަދަލުގައި އެހެންއެއްޗެއް ބޭނުންކުރުން އެކަށީގެންވޭ. ދެން މަންމަ ބުނާތީ އަޑުއަހަން، ބައެއްފަހަރު ކާށިވެސް ތަންކޮޅެއް ހަރިއްޔާ ހުނިކޮޅާއި އެކު ކިރުފޮދެއްވެސް އަޅަމޭ،" ރެސިޕީތަކުގައި އައި ތަފާތުގެ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ކޮންމެއަކަސް، ދެ ގޮތަކީވެސް ހަމަ ކުޅުދުއްފުށީގައި މި ތައްޔާރުކުރެވޭ ގޮތެވެ. އަދި މި ނޫނަސް ދެލޮނު ގޮތި ތައްޔާރުކުރާ އެހެނިހެން ރެސިޕީތަކެއްވެސް ހުރުން އެކަށީގެންވެ އެވެ. ލޮނުގިތީގެ މި ބަހުސް އިން ދޭހަވީ ކުޅުދުއްފުށީގެ މީހުންގެ ހިތުގައި މި ކެއުމަށާއި އެމީހުންގެ ސަގާފަތަށް އޮތް އަހަންމިއްޔަތުކަމާއި ލޯތްބެވެ.

comment ކޮމެންޓް