އެސްޓީއޯ އީ ސްޓޯރުން 5000 މީހުން ވިޔަފާރި ކޮށްފި

މާލެ ސިޓީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވިކަން އިއުލާނު ކުރުމާއި އެކު މީހުން އެއްޗެހި ގަތުމަށް އެސްޓީއޯ ސުޕަރމާކެޓް ކައިރީގައި ކިޔު ހަދައިގެން --- ފޮޓޯ: ސަން

ކޮވިޑް19 އާއި ގުޅިގެން އެސްޓީއޯ އިން ގާއިމްކުރި އޮންލައިން ފިހާރަ "އީ ސްޓޯ" އިން މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް 5،000 ވިޔަފާރިކޮށްފި އެވެ.

އެސްޓީއޯ އިން އީ ސްޓޯރުގެ ހިދުމަތް ފެށީ ކޮވިޑާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ޕްރޮމޯޓުކޮށް ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ތަނަވަސް ކުރުމަށެވެ. މާލެ ސަރަހައްދުން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެންމެ ބާރުބޮޑުވީ އެސްޓީއޯގެ އީ ސްޓޯރަށެވެ.

އެތައް ހާސް ރައްޔިތުންނެއްގެ އޯޑަރުތައް ސިފައިންގެ އެހީއާއެކު އެސްޓީއޯ އިން ޑެލިވަރީކޮށް ނިންމާލުމަށްފަހު ރައްޔިތުންނަށްވެސް ފަސޭހައަކަށް މިހާރު ވަނީ ކޮންމެ ދުވަހަކު ނަގާ އޯޑަރުގެ އަދަދު 300 އަށް ލިމިޓުކޮށްފައެވެ. ކޮންމެ ދުވަހަކުވެސް ނަގާ އޯޑަރުތައް 24 ގަޑިއިރު ތެރޭ ޑެލިވަރީ ކޮށްދެއެވެ. ކޮންމެ އޯޑަރެއްގައި ވެސް ހިމެނޭނީ 70 އައިޓަމް އެވެ.

އެސްޓީއޯ އިން ވަނީ ހަފްތާ އަކަށް ވާމިންވަރަށް ތަކެތި ގަތުމަށް ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ، ސަބަބަކީ ލިމިޓެޑް އަދަދަކަށް އޯޑަރު ނަގާއިރު ގިމަ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ އޭރުން ކަމަށް ވާތީ ކަމަށެވެ.

އެސްޓީއޯ އީ ސްޓޯރުން ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބިހާއި އަލުވި، މުގު އަދި ކުޑަކުދިންގެ ކާނާ އާއި ނެޕީ ފަދަ ޒަރޫރީ ބާވަތްތައް ލިބޭނެ އެވެ.

comment ކޮމެންޓް