ދެ ކޮރެއާގެ ބޯޑަރުގައި ހަމަލާ ބަދަލުކޮށްފި

އުތުރު ކޮރެއާގެ ސިފައިން ދެކުނު ކޮރެއާގެ ގާޑް ޕޯސްޓަކާ ދިމާލަށް ބަޑި ޖެހި ކަމަށް ދެކުނުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ސޯލް (މެއި 2): އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ވަކިކޮށްދޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން ބަޑީގެ ހަމަލާ ބަދަލުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްއިން ބުނި ގޮތުގައި މިއަދު ހެނދުނު އުތުރު ކޮރެއާގެ ސިފައިން ވަނީ ދެކުނުގެ ގާޑް ޕޯސްޓަކާ ދިމާލަށް ބަޑި ޖަހާފަ އެވެ. އަދި ދެކުނުން ވަނީ އެއަށް ރައްދެއްގެ ގޮތުން ދެފަހަރަކު ބަޑި ޖަހާފަ އެވެ.

އެ ހާދިސާގައި ދެކުނު ކޮރެއާގެ އެއްވެސް މީހަކު މަރުނުވާ ކަމަށް އެގައުމުން ބުންޏެވެ. އަދި އުތުރާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެއީ ފާއިތުވި ފަސް އަަހަރު ތެރޭ އުތުރު ކޮރެއާގެ ސިފައިން ދެކުނު ކޮރެއާގެ ސިފައިންނާ ދިމާލަށް ބަޑި ޖެހި ފުރަތަމަ ފަހަރެވެ.

އެ ހާދިސާ ހިނގާފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ހަބަރެއް ނުވާތާ 20 ވަރަކަށް ދުވަސް ފަހުން އޭނާ އެގައުމުގައި ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އުތުރުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ފަހުންނެވެ. ފާއިތުވި ތިން ހަފްތާއެއްހާ ދުވަސް ތެރޭ ކިމް ފެނިފައި ނުވަނީ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް