ސަރުކާރުން ކުރިއަށް ދާނީ ނޫސްވެރިންގެ އަޑުއަހައިގެން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ ނޫސްވެރިކަން ތަރައްގީކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑުއަހައިގެން ނޫސްވެރިންގެ ފިކުރާއެއްގޮތަށް އަޅާ ފިޔަވަޅުތަކަށް ހެދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ދެއްވި ހިތޯބުގައި ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މީގެ ދެތިން އަހަރު ކުރިން ގޮންޖެހުންތަކެއް ހުރި ކަމަށާއި، ތަފާތު ބިރުވެރިކަން އުފައްދައިގެން މިނިވަން ނޫސްވެރިކަމަށް ކުރިމަތިކޮށްފައިހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަމަށް މިނިސްޓަރު އިމްރާނުގެ ބަޔާނުގައި ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ގައި ރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

ނޫސްވެރިންނަކީ ދިވެހި ޑިމޮކްރެސީގެ މުހިންމު އެއް ބައިވެރިން ކަމަށާއި ނޫސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހައިގެން
ނޫސްވެރިންގެ ވިސްނުމާ ފިކުރާއެއްގޮތަށް އަޅާފިޔަވަޅަކަށް ހެދުމަށް މަސައްކަތްތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައިވެރިވުމާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން އިންތިޒާމްކޮށް، އެޑިޓަރުންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގައި ހޯދިފައިވާ ކުރިއެރުންތަކާއެކުވެސް އިތުރަށް ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އެގޮތުން ނޫސްވެރިކަމުގެ ތަފާތު ފަންނުތައް ކުރިއެރުވުމާއި އެފަންނުތަކުން މީހުން ބިނާކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސައްހަ ނޫން ހަބަރުގެ ސަބަބުން މުޖުތަމައަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ނޫސްވެރިކަމުގެ ހަމަތަކާއި އިންތައް ހިފަހައްޓަންޖެހޭކަން ވެސް މިނިސްޓަރުގެ ހިތޯބުގައި ފާހަގަ ކުރެއްވި އެވެ.

ހޯމް މިނިސްޓަރު ވަނީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ފަހުގެ މައުލޫމާތައި ހަބަރު ރައްޔިތުންނަށް ގެނެސްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރުގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" މި ޝިއާރަށް އަލިއަޅުއްވާ ލައްވާ މިިނިސްޓަރު ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލާ އެކަމަށް މަގުފަހިކޮށްދޭން ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.

comment ކޮމެންޓް