ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނަން: ސީޕީ ހަމީދު

އޭޕްރީލް 15، 2020: ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ދަމަހައްޓަން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފި އެވެ.

ސީޕީ ހަމީދު އެހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގަ އެވެ.

ކޮމިޝަނަރު ހަމީދު ވިދާޅުވީ، މި ދުވަހުގެ މުނާސަބަތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ދަމަހައްޓަައި ފުލުހުންނާއި މީޑިއާއާ އޮތް ގުޅުން ކުރިއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސުލްހަމަސަލަސްކަމާއި އަދުލު އިންސާފާއީ އިންސާނީ ހައްގުތައް ދަމަހައްޓަން ނޫސްވެރިކަމުގެ މިނިވަންކަން އޮތުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީޑިއާތަކުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުވާތީ ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި ނޫސްވެރިން ގައުމަށް ކުރަމުންދާ ހިދުމަތަަށްޓަކައި ޝުކުރާއި އިހްތިރާމު އަދާކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ޕްރެސް ފްރީޑޮމްޑޭގެ މިއަދުގެ ޝިއާރަކީ "ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ" ނުވަތަ ވަކި ކޮޅަކަށް ނުޖެހި ބިރަކާ ނުލައި ނޫސްވެރިކަން ކުރުމެވެ.

comment ކޮމެންޓް