ސައުދީން ހަދިޔާ ކުރި ކަދުރު ޑެލިވަރީކޮށް ނިންމައިފި

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުުރު ޑެލިވާ ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ// ޓްވިޓާ: މަހްލޫފް

ސައުދީ އަރަބިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ގޭގެއަށް ބެހުމަށް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓަރީ ޓީމުން ނުކުމެ، އިސްލާމިކް މިނިސްޓްރީ އިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް ކަދުރު ބަހައި ނިންމާލައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް ވޮލަންޓަރީ ޓީމުން ނިންމާލާފައިވާ ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީ އިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް މިއަދުވަނީ ކަދުރު ބަހާނިމިފަ. ޔޫތު މިނިސްޓްރީގެ މުވައްޒަފުން އަދި ވޮލަންޓިއަރުންނަށް ޝުކުރިއްޔާ." މިނިސްޓަރު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ އިރު ގޭގެއަށް ފިހާރަތަކުން ޑެލިވަރީ ކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ވޮލަންޓްރީ ޓީމެއް އެކުލަވާލައިފަ އެވެ. އެ މިނިސްޓްރީގެ މުވައްޒަފުންނާއި އެހެނިހެން ވޮލަންޓްރީންނާ އެކު އިސްވެ ޑެލިވަރީއަށް މިނިސްޓަރު މަހްލޫފް ވެސް ފުރަތަމަ ދުވަހު ވަނީ ވަޑައިގެންފަ އެވެ.

އެކަމަކު މަހްލޫފް ޑެލިވަރީކޮށްދިނުމަށް ދިޔަ އިހްސާނު ފިހާރައިގެ މުވައްޒަފުންތަކެއް ވައިރަހަށް ޕޮޒިޓިވް ވުމުން އޭނާ ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ. އެއާ އެކު ވޮލަންޓްރީ ޓީމުގެ އިސްފަރާތެއްގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

އެ ޓީމުން މާލެއާއި ހުޅުމާލޭގެ ޑެލިވަރީތައް ކުރުމުގައި އަވަދިނެތި އުޅެމުންދާ އިރު، އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ 426 ގޭބިސީއަކަށް ކަދުރު ބެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔުނިސެފުން ހަދިޔާ ކޮށްފައިވާ ކެއާ ޕެކޭޖްތައް ޑެލިވަރީ ކުރުމުގެ މަސައްކަތަށް ވޮލަންޓިއަރުންގެ އިތުރުން މާލޭގައި ތިބި ޔޫތު މިނިސްޓްރީގެ މުވައްޒަފުން ނިކުމެފައިވާކަން މަހްލޫފް ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރައްވާފަ އެވެ.

comment ކޮމެންޓް