މުވައްޒަފަކު ޕޮޒިޓިވްވުމުން އެސްޓީއޯގެ ބައެއް ތަންތަން ޑިސް އިންފެކްޓް ކުރަނީ

އެސްޓީއޯ ރަމަޟާން ބާޒާރު 2017 ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ކުންފުނީގެ ބައެއް ތަންތަން މިރޭ ޑިސް އިންފެކްޓް ކުރަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެސްޓީއޯއިން ޕޮޒިޓިވްވި މުވައްޒަފު މީހާއަކީ އެސްޓީއޯގެ ލޭބާ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ކަމަށެވެ.

"މިކަމާ ގުޅިގެން އެސްޓީއޯ ސުޕަމާކެޓް އަދި އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އަމީނީ މަގު، މާފަންނުގައި ހުންނަ އެސްޓީއޯގެ ލޭބާ ކުއާޓާ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައި،" މަބްރޫކް ވިދާޅުވި އެވެ.

އެތަންތަން މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، މަބްރޫކް ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގުދަން ޑީކޮންޓެމިނޭޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

"އެނގިފައިވަނީ މިރޭ ގާތްގަނޑަކަށް 11 ޖަހާއިރު ޑީކޮންޓެމިނޭޝަންގެ މަސައްކަތް ނިންމުމަށްފަހުގައި އެސްޓީއޯ ސުޕަމާކެޓާއި ގުދަން އާންމު ހާލަތަށް ގެނެވޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

އެސްޓީއޯގެ މުވައްޒަފަކު ކޮވިޑް19އަށް ޕޮޒިޓިވްވުމާއެކު އެކުންފުނިން އޮންލައިންކޮށް ވިޔަފާރި ކުރެވޭ "އެސްޓީއޯ އީސްޓޯ"ގެ ހިދުމަތް ވެސް މިއަދަށް ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް މާދަމާ އީސްޓޯގެ ހިދުމަތް އަލުން ފެށޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

comment ކޮމެންޓް