ޔޯލަ ވާހަކަތައް ދެކެވުނަސް މާސެލޯ ރެއާލްގައި މަޑުކުރާނެ

މާސެލޯގެ ގޯލަށްފަހު ކޯޗު ޒިދާންއާއެކު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑްގެ ފުލް ބެކް މާސެލޯ އަންނަ ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކަކީ "ޔޯލަ" ވާހަކަތަކެއް ކަމަށާއި، މިހާރުގެ ކުލަބުގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

ބްރެޒިލްގެ ހުނަރުވެރި ފުލްބެކް ރެއާލް މެޑްރިޑަށް 2007 ވަނަ އަހަރު ބަދަލުވީންސުރެއް މިއަދާ ހަމައަށް ވެސް އޭނާ އަކީ އެކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ މުހިއްމު ކުޅުންތެރި އެކެވެ. ނަމަވެސް ފަހަކަށް އައިސް ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހި ފޯމު ކެޓުމުގެ ސަބަބުން އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން މާސެލޯއަށް ފުރުސަތު ދޭ ވަރު ވަނީ މަދުވެފަ އެވެ.

ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ލެފްޓް ވިންގް މާސެލޯ ވިއެރާ -- ފޮޓޯ / ރަޔާން ބެންސަން

މީގެ އިތުރުން ރެއާލްގައި މާސެލޯއާއި އެންމެ ގާތްކޮށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބު ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމާ ގުޅިގެން މާސެލޯ ވެސް އޭނަގެ ފަހަތުން އެކުލަބަށް ދާން އުޅޭ ކަމުގެ ޔޯލަ ވާހަކަތައް ސޯޝަލް މީޑިއާގައި ވަަރަށް ގަދަޔަށް ފެތުރުނުވެ. އަދި ރެއާލްގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ޔުވްންޓަސްއަށް ދާން މަޝްވަރާ ކޮށްފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އެކަމަކު އުމުރުން 31 އަހަރުގެ މާސެލޯ ވަނީ އެވާހަކަތައް ދޮގުކޮށް އޭނާ ރެއާލް މެޑްރިޑުގައި މަޑު ކުރާނެ ކަމުގެ ފެހި ސިގުނަލް ދީފަ އެވެ.

"އަހަރެން ބޭނުމެއް ނޫން އަދި ރެއާލް ދޫކޮށް އެހެން އެއްވެސް ކުލަބަކަށް ބަދަލުވާކަށް. ރެއާލުން ވެސް އަހަރެން ދޫކޮށްލާނެހެނެއް ހިއެއް ނުވޭ." މާސެލޯ ބުންޏެވެ.

މާސެލޯނާ ބުނީ އޭނާއާއި އޭނަގެ އާއިލާ ސްޕެއިނުގައި އުޅެމުންދަނީ ނުހަނު ހިތްހަމަ ޖެހިގެން ކަމަށާއި، ރެއާލް މެޑްރިޑަށް ކުޅެން ފުރުސަތު ލިބޭތީ އުފާ ކުރާ ކަމަށެވެ.

"އަހަރެންނަކަށް އަދިޔަކު ނޭންގޭ ޔުވެންޓަސްއިން އަހަރެން ހޯދުމަށް މަސައްކަތެއް ކުރި ކަމެއް ވެސް. ޔޯލަ ވާހަކަ ތަކަކީ އަބަދަކު ތެދުވާނެ މައުލޫމާތުތަކެއް ނޫން. އަހަރެން ބޭނުމީ ރެއާލްގައި މަޑުކޮށް އިތުރު ކާމިޔާބީތަކެއް ހޯދަން."

comment ކޮމެންޓް