ވެކްސިން، ފަނި ބޭސް އަދި ވިޓަމިން ދިނުން ހުޅުމާލޭ ލިޓްލް ޖެމްސްގައި ފަށަނީ

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ޑޯޒް ހަމަނުކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށުގެ ގޮތުން އަމީނިއްޔާ ސުކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ގައުމީ ވެކްސިން ޝެޑިއުލުގައި ހިމެނޭ ވެކްސިން، ފަނި ބޭސް އަދި ވިޓަމިން ދިނުމުގެ ހިދުމަތް ހުޅުމާލޭ ލިޓްލް ޖެމްސް ޕްރީސްކޫލުގައި ފަށާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެކްސިނާއި، ފަނި ބޭސް އަދި ވިޓަމިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އެޕޮއިންޓަމަންޓް އުސޫލުން ކަމަށެވެ.

ލިޓްލް ޖެމްސްގައި ވެކްސިން ދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށެވެ.

އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނީ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ 1417 އަށެވެ.

އެޕޮއިންޓްމަންޓް ނޯޓުކުރުމަށް ގުޅާއިރު ފޯރުކޮށްދޭން ޖެހޭ މައުލޫމާތު:

  • ކުއްޖާގެ ނަން އަދި އައިޑީކާޑު ނަމްބަރު (ނަން ނުކިޔާ ކުއްޖެއްނަމަ މަންމަގެ ނަމާއި އައިޑީކާޑު ނަންބަރު)
  • އުފަން ތާރީހު
  • ދާއިމީ އެޑްރެހާއި މިހާރު އުޅޭ އެޑްރެސް
  • އެންމެ ފަހުން ޖެހި ވެކްސިންގެ މަައުލޫމާތު (ވެކްސިންތަކުގެ ނަމާއި ވެކްސިން ޖެހި ތާރީހު)
  • ކުއްޖާއާއެކު ވެކްސިން ޖަހަން ދާ މީހާގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރު

ރޯގާޖެހި، ކެއްސާ، ހުން އައިސް، އަދި ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވާކަމުގައި ވާނަމަ ނުވަތަ އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައިވާ ގެއެއް ކަމުގައި ވާނަމަ ވެކްސިން ޖެހުމަށް ކުއްޖާ ނުގެންދަން ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ވެކްސިން ޖެހުމާއި ފަނި ބޭސް އަދި ވިޓަމިން ހޯދަން ދާއިރު ކުއްޖާގެ އައިޑީކާޑާއި ވެކްސިން ފޮތް ގެންދަން ޖެހޭނެއެވެ.

ހަމައެކަނި ފަނިބޭސް، އަދި ވިޓަމިން ހޯދުމަށް އަންނަ ކަމުގައި ވާނަމަ އެޕޮއިންޓްމަންޓް ދެވިފައިިވާ ގަޑިއަށް ވެކްސިން ކާޑާއެކު ދާނީ ބެލެނިވެރިޔާ އެކަނި ކަމަށާއި ވެކްސިކް ޖެހަން ދާކަމުގައި ވާނަމަ، ކުއްޖާއާއެކު ދާންވާނީ އެންމެ ބެލެނިވެރިއެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އަދި ވެކްސިން ޖަހަން ދާއިރު އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލޭގައި ވަގުތީ ގޮތުން ވެކްސިން ދިނުމުގެ ހިދުމަތް އޮތީ މެދުކަނޑާލައިފައެވެ.

ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން މާލޭ ދަމަނަވެށިން ވެސް އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ދިނުމުގެ ކަންކަން ފަށަން ވަނީ ތައްޔާރުވެފައެވެ.

comment ކޮމެންޓް