ކޮވިޑް-19އަށް ދެވިދާނެ ފަރުވާއެއްގެ ފުރަތަމަ ޓެސްޓުތައް ކާމިޔާބު: ޔޫއޭއީ

އަބޫ ދާބީގެ ކްލިނިކެއްގައި ކޮރޯނާވައިރަހަށް ސްކްރީން ކުރަނީ -- ފޮޓޯ: ރޮއިޓާސް

އަބޫދާބީ (އޭޕްރިލް 1): ކޮވިޑް-19 ބަލި ޖެހޭ މީހުންނަށް ދިނުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން ހޯދި ފަރުވާއެއްގެ ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ކާމިޔާބު ކަމަށް އެގައުމުން ބުނެފި އެވެ.

ޔޫއޭއީގެ އެމިރޭޓްސް ނިއުސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި އެ ފަރުވާ ޓެސްޓުކޮށްފައި ވަނީ އަބޫ ދާބީ ސްޓެމް ސެލް ސެންޓަރުންނެވެ. އަދި އެއީ ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުން ސްޓެމް ސެލް ނަގާ "އެކްޓިވޭޓް" ކުރުމަށް ފަހު، ނެބިއުލައިޒާ މެދުވެރިކޮށް އާވީގެ ގޮތުގައި ފުއްޕާމެއަށް ވާސިލުވާ ގޮތް ހަދާ ފަރުވާއެކެވެ.

ސައިންސުވެރިން ވިދާޅުވާ ގޮތުގައި އެ ފަރުވާ ދިނުމުން ފުއްޕާމޭގެ ސެލްތައް އަލުން ދިރި، ކޮވިޑް-19ގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާ ދޭ މިންވަރަށް ދިފާއީ ނިޒާމު އެކްޓިވްވުން ހުއްޓުވަ އެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީން ބުނި ގޮތުގައި އެ ފަރުވާ ވަނީ ކޮވިޑް-19 ޖެހިފައިވާ 73 މީހަކަށް ދީފަ އެވެ. އަދި އެ އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެހެންކަމުން އެއީ ބޭނުން ކުރަން ރައްކާތެރި ފަރުވާއެއްކަން ވަނީ އެނގިފަ އެވެ.

މީގެ އިތުރުން އެ ފަރުވާ މަސައްކަތް ކުރާ މިންވަރު ބެލުމަށް އިތުރު ޓެސްޓުތައް މިހާރު ކުރަމުންދާ ކަަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް އެނޫހުން ރިޕޯޓު ކުރި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަހަށް ދެވިދާނެ ފަރުވާއެއް ހޯދުމަށް އެކި ގައުމުތަކުން ދަނީ ތަފާތު ބޭސްތައް ޓެސްޓު ކުރަމުންނެވެ. އަދި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއްވެސް ޓެސްޓު ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުންޏެވެ.

ކޮވިޑް-19 ބައްޔަށް އަދި ވަކި ފަރުވާއެއް ނެތުމުން، އެ ބަލި ޖެހުމުން ފަރުވާ ދެނީ އެމީހެއްގެ ފަރާތުން ފެންނަ އަލާމާތްތަކަށެވެ.

ޔޫއޭއީގައި މިހާތަނަށް 13،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 111 މީހަކު ވަނީ މަރުވެފަ އެވެ. އަދި މުޅި ދުނިޔެއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު 3.2 މިލިއަން ހުރަސްކޮށްފައިވާ އިރު އޭގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކަމަށް ބެލެވޭ ކޮވިޑް-19 ބަލީގައި މިހާތަނަށް 233،998 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް