އަލުން ކްލާސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތީ އަލުން ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދޭން މަޝްވަރާކޮށްފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ދެ މަސް ވާން މިހާރު ވަނީ ކައިރިވެފައެވެ.

ސްކޫލްތައް ބަންދުކުރި ފަހުން ކްލާސްތައް ގޫގަލް އެޑިއުކޭޓާއާ ޓެެލެކްލާސްތައް މެދުވެރިކޮށްވެސް ނަގައިދިނެވެ. ނަމަވެސް މިދިޔަ މަހު މެދުތެރޭ، މާލެއިން ކޮވިޑް ޖެހިފައިވާ މީހަކު ފެނި މުޅި މާލެ ލޮކްޑައުންއަކަށް ދިޔަފަހުން ޓެލެކްލާސްތައްވެސް މެދުކަނޑާލައި ކިޔެވުން އެއްކޮށް އޮތީ ހުއްޓިފައެވެ.

ފިލާވަޅުތައް ހަމަނުކުރެވި ދިޔަޔަސް މިއަހަރު ދަރިވަރުން ރިޕީޓް ނުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ ކިޔަވައިދިނުން ހުއްޓާލީ މި ދުވަސްވަރު ފިލާވަޅުތައް ގެނެސްދިނުމުގަިއ ތަފާތު ގޮންޖެހުންތައް ކުރިމަތިވެގެން ކަމަށެވެ. ޓެލެކްލާސްތައް ނަގައިދެމުން ކުރިން ދިޔައީ ޓީޗަރުން އެކި ޗެނެލްތަކުގެ ސްޓޫޑިއޯއަށް ވަޑައިގެން ޝޫޓްކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ރޭ މިނިސްޓަރު ޑރ. އައިޝަތު އަލީ ރާއްޖޭގެ 212 ސްކޫލެއްގެ ޕްރިންސިޕަލްއަކާ ވީޑިއޯ ކޮންފްރެންސް މެދުވެރިކޮށް ބައްދަލުކުރައްވައި އަލުން ފިލަވާޅުތައް ގެނެސްދޭން ފެށުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ފިލާވަޅުތައް ގެނެސްދޭން ފަށަން މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ކިޔަވައިދިނުމުގެ ކަރިކިއުލަމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިއަހަރު ފަހުކޮޅު ބާއްވަން ކުރިން ނިންމާފައި އޮތް ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު މިހާރު ވަނީ ނުބާއްވާގޮތަށް ނިންމައިފައެވެ. އެ އިމްތިހާން ދެން ބާއްވާނެ ދުވަހަކާ ގުޅޭގޮތުންވެސް ޕްރިންސިޕަލުންނާ މަޝްވަރާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް