މިނިސްޓަރު ފައްޔާޒުގެ ސެލްފް އައިސޮލޭޝަން ނިމެއްޖެ، އަލާމާތެއް ނުފެނޭ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސެލްފް އައިސޮލޭޝަން އިއްޔެ ނިމުނު އިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް ވިދާޅުވެއްޖެއެވެ.

މާލޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ޑައިރެކްޓްކޮންޓެކްޓް ވުމުގެ ސަބަބުން މިނިސްޓަރު ފައްޔާޒުގެ އިތުރުން ދެ މިނިސްޓަރަކު ވެސް ހުރީ ސެލްފް އައިސޮލޭޝަންގަ އެވެ.

ވެބް މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ މިނިސްޓަރުގެ ހާލުކޮޅާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސެލްފް އައިސޮލޭޝަންގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށާއި ހާލު ވަރަށް ރަނގަޅު ކަމަށެވެ.

"ސިއްހަތު ވެސް އިރާދަކުރެއްވިއްޔާ ރަނގަޅު. ކަން ދިމާވި ގޮތުން ތަންކޮޅެއް ލުއި ވެފައި ހުރީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުރުން ދެން ސެލްފް އައިސޮލޭޝަންގައި ހުންނެވެީ، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އޭނާ ސެލްފް އައިސޮލޭޝަނަށް ދާން ޖެހުނީ، އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުންނެވެ. މިނިސްޓަރު ވަނީ އެ ފިހާރައިގެ ޑެލިވަރީގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

މިނިސްޓަރު ފައްޔާޒު އާއި މަހްލޫފްގެ އިތުރުން ދެން އައިސޮލޭޝަންގައި ހުންނެވީ ކޮން މިނިސްޓަރެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނި 119 މީހުން ޕޮޒިޓިވްވިއެވެ. މުޅި ޖުމްލަ 468 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ.

comment ކޮމެންޓް