ހުރިހާ ފްރީލާންސަރުންނަށް ދޭ ވަރަކަށް ފައިސާއެއް ނެތް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްރީލާންސަރުން ނުވަތަ އަމިއްލަ މަސައްކަތުން އުޅޭ ހުރިހާ ފަރާތްތަކަށް ދޭ ވަރަށް ދައުލަތުގައި ފައިސާ ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދައުލަތުގައި ފައިސާ ހުރީ "ލިމިޓެޑް"ކޮށް ކަމަށާއި އަމިއްލަ މަސައްކަތުން އުޅޭ މީހުންނަށް އުޖޫރު ދިނުމުގައި އިތުރު ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުންދާ ކަމަށެވެ.

"ސެލްފް އެމްޕްލޯއިޑް އެއީ ކޮންބައެއްތޯ؟ ރިސޯޓުތަކަށް ދާ ޑީޖޭ ކުއްޖާތޯ، މިއުޒިކް ގުރޫޕުތޯ، އާޓިސްޓު ތޯ، ގޭގައި ހެދިކާ ހަދާ ކަނބަލުންތޯ، ރާނާ މީހުންތޯ، އޮޑިދޯނިފަހަރު ބަންނަން އުޅޭ ވަޑިންތޯ، ކޮންޓްރެކްޓު އުސޫލުން މަގުމަތި ކުނިކަހާ މީހުންތޯ؟ މިހެން ގޮސް ކިހާ ހިސާބަކުން ތޯ ލައިނެއް ޑްރޯ ކުރެވޭނީ؟" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ. "ނެތް އެހާ ލާރިއެއް އެ ހުރިހާ އެންމެންނަށް ދޭކަށް، އެއީ މި ދިމާވެގެން އުޅޭ ގޮންޖެހުމަކީ."

މީގެ އިތުރުން ސެލްފް އެމްޕްލޯއިޑް ފަރާތްތަކަކީ ކޮބައިކަން ދެނެގަތުން އުނދަގޫ ކަމަކަށްވެފައި ވުމާއެކު އެ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅަން ގޮތްތަކެއް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް ބޮޑަށް ބަލަމުން މިދަނީ ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް ފައިސާ ދޭނީ ކިހިނެއްތޯ، ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ... އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރިނަމަ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރައްޔިތުންނަށް އެ ފޯރުކޮށްދޭން، އެމްޕްލޯއިޑް ވިޔަސް އަންއެމްޕްލޯއިޑް ވިޔަސް." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީއާއި އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން "ކޮވިޑް19 ވިޔަފާރި އެހީ"ގެ ނަމުގައި ތައާރަފުކުރި ލޯނުގައި ފްރީލަންސަރުންގެ ބައެއްވެސް ހިމެނެ އެވެ.

އެ ލޯނުގެ ދަށުން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ގިނަވެގެން ލިބޭނީ 18،000 ރުފިޔާ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ވޭތުވެ ދިޔަ 12 މަހުގެ ތެރެއިން ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމަ އެވެ.

ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ. މި ލޯނު ހޯދުމަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

https://sun.mv/134444

މީގެ އިތުރުން މި ހާލަތާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް މަހަކު 5،000 ރުފިޔާ ދޭން ސަރުކާރުން މިފަހުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިއީ އަންއެމްޕޮލޯއިމަންޓް ބެނިފިޓެއް ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް