އައްޑޫގައި އެއް ގެއިން އަނެއް ގެޔަށް ބިދޭސީން ނުގެންދަން އަންގައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫސިޓީގެ އާންމުން ދިރިއުޅޭ ގޭގޭގައި އުޅެމުންދާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން، އެއްވެސް ބޭނުމަކު ގޭގެއަށް ގެނެސް، ގެންގޮސް ހެދުން އައްޑޫ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެއްގެއިން އަނެއް ގެއަށް މީހުން ދިއުމަކީ ރާއްޖޭގައިވެސް މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުމަށް މަގުފަހިކުރުވާނެ ކަމެއް ކަމަށެވެ.

އަދި މިހާލަތުގައި ބިދޭސީން ލައްވައި އެކިބާވަތުގެ މަސައްކަތްތައް ކުރުވުމަށް ގޭގެއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ.

އެހެންކަމުން، އައްޑޫ ސިޓީގެ އާންމުން ދިރިއުޅޭ ގޭގޭގައި އުޅެމުންދާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގޭގެއަށް އެއްވެސް ބޭނުމަކު ގެނެސް ނުވަތަ ގެންގޮސް ނުހެދުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީގެ އަވަށްތަކުގެ އެސްއެސްޑީތަކުން ވަނީ ބިދޭސީން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު ނަގައިފައެވެ. އެހެން ނަމަވެސް ބިދޭސީން އުޅޭ ބައެއް ގެތައް އެނގެން ނެތްކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން ހުރިހާ އަވަށެއްގައިވެސް ބިދޭސީން އުޅޭ ގެތައް އަވަށުގެ އެސްއެސްޑީގައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ހާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައި، ކައުންސިލްތަކަށް ބާރު ދިނުމާއެކު އައްޑޫ ސިޓީގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.

އެގޮތުން އަމިއްލަ ތަންތަނާއި އާންމު ތަންތަނުގައި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ސިޓީ ކައުންސިލުން ބުނީ އެންގުމާ ހިލާފަށް ޕާކުތަކާއި ފިނިމައިޒާންތަކާއި ޖޯލިފަތިތަކުގައި ތިބޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހަމަައެއާއެކު ހަވީރު ފިންޏަށް ދުއްވުން ވެސް އެ ސިޓީގައި ވަނީ މަނާކޮށްފައެވެ. ކައުންސިލުން ބުނީ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އުޅުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފު ކަމަކަށް ވާތީ ހަވީރު ގަޑީގައިއާއި އެހެން ގަޑިތަކުގައި ޒަރޫރީ ބޭނުމެއް ނެތި ދުއްވަން ނިކުތުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފައި ވާއިރު، ހުރިހާ ރައްޔިތުން ވެސް ގޭގައި ނަމާދު ކުރުމަށް ކައުންސިިލުން ވަނީ އިިލްތިމާސްކޮށްފައެވެ. ކައުންސިލުން ބުނީ މިސްކިތްތަކުގައި ބަންގި ގޮވުމަށްފަހު މިސްކިތްތައް ހުންނާނީ ބަންދުކޮށްފައި ކަމަށެވެ.

އައްޑޫސިޓީގައި ކޮވިޑް-19 އާންމުކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ.

އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާވެފައި އޮތްނަމަވެސް، މަހަށް ފުރުމާއި، ދަނޑުގޮވާމަށް ދިއުމާއި، މުދަލާއި ގޮވާމުގެ ބާވަތް އެއް އަވަށުން އަނެއް އަވަށަށް ފޮނުވުމާއި، ސިއްހީ ފަރުވާއަށް އެއް އަވަށުން އަނެއް އަވަށަށް ހުއްދަ ހޯދައިގެން ދެވޭނެކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ޑެލިވަަރީކުރުން ފިޔަވައި އެ ސިޓީގައި އާންމު ވިޔަފާރީގެ ހިދުމަތްތައް ދިނުން ވެސް އޮތީ މަނާކޮށްފައެވެ.

comment ކޮމެންޓް