ބައެއް ކޮންޓެއިނަރުތައް ކްލިއާ ނުކުރާތީ ޖާގައިގެ ދަތިކަން ދިމާވޭ: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ އެންއީއޯސީ

ބައެއް ބާވަތްތަކުގެ މުދާ ކްލިއާކުރަން ވެރިފަރާތްތަކުން އައުން މަދުވެފައިވާތީ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ގިނަވެ ޖާގައިގެ ދަތިކަން ދިމާވަމުންދާ ކަމަށް އެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގް ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ބައެއް ބާވަތްތަކުގެ މުދާ ކްލިއާނުކޮށް ގިނަ ދުވަސްވާތީ ޖާގައިގެ ދަތިކަން ދިމާވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޮޕަރޭޝަނަށް ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.

"ބަރު މުދާ ހުރި ކޮންޓެއިނަރުތައް މިހާރު ބަނދަރުތެރޭ ވަރަށް ގިނަވެސް ވެއްޖެ. ގިނަވުމާ އެއްކޮށް، ޖާގައިގެ ދަތިކަން އިންތިހާއަށް އޮންނަ ތަނެއް މިތަނަކީ އެހެންވީމަ އަދި އިތުރަށް ބަރު ކޮންޓެއިނަރުތައް މި ސަރަހައްދުގައި ގިނަވީމަ އިތުރަށް ދަތިތަކެއް ވެގެންދޭ އަޅުގަނޑުމެންގެ އޮޕަރޭޝަނަށް،"

ކޮވިޑް-19އާ ގުޅިގެން އެމްޕީއެލްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނެވެ. އެ ދުވަސްވަރު ސަރުކާރުން ވަނީ މުދާ ކްލިއާނުކޮށް ގިނަ ދުވަސްދުމުން އެއަށް އަރާ ޖޫރިމާނާ ނުވަތަ ޑެމަރޭޖު ފީއަށް ލުޔެއް ދީފައެވެ. ޝާހިދު ވިދާޅުވީ، އެ ލުއި ދިނުމުން އަވަހަށް ކޮންޓެއިނަރު ކްލިއާކުރުމުގެ ބޭނުން ވިޔަފާރިތަކަށް ކުޑަވެފައިވާ ކަމަށެވެ.

"ގިނަ ބޭފުޅުންނަށް މުދާ ކްލިއާ ކުރާކަށްވެސް ވަޑައެއްވެސް ނުގެންނެވޭ. އަދި މުދާ ޑެމަރޭޖްއަށް ދެވިފައިވާ ލުޔާ ގުޅިގެން ގިނަ ކޮންސައިނިންތަކަށް ބަލާ އައުމުގެ އިންސެންޓިވްވެސް ކުޑަވެފައި މި އިންނަނީ،" ޝާހިދު ވިދާޅުވިއެވެ.

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ފެށިގެން ހަވީރު 16:00އަށް ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. ޝާހިދު އެދިވަޑައިގެންނެވީ ކްލިއާ ނުކޮށް ހުރި ކޮންޓެއިނަރުތައް ވެރިފަރާތްތަކުން ކްލިއާކޮށްދިނުމަށެވެ.

ބައެއް ކޮންޓެއިނަރުތައް ކްލިއާނުކޮށް ހުރިނަމަވެސް، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ހުރި ކޮންޓެއިނަރުތައް ވަރަށް އަވަހަށް ކްލިއާކުރާކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެގޮތުން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެފަދަ 50 އެއްހާ ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ބޮޑު ބައެއް އެތެރެ ވަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. އެހެންކަމުން، ބަނދަރުގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެމްޕީއެލްގެ 168 މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތުގެ މާހައުލުގައި ލޮކްޑައުންވެގެން މަސައްކަތް ކުރަމުން އެބަދެއެވެ.

comment ކޮމެންޓް