ކޮވިޑް19: ކުދި ވިޔަފާރިތަކުން އަވަސް ހައްލެއް ބޭނުންވާ ކަންތައްތަކަކީ މިއީ

މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން އިގްތިސާދު ދެމެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އުސޫލުތަކަށް ގެންނަމުންދާ ބަދަލުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައަށް ބޭނުންވާ މުހިންމު ކަންކަން ވެސް ހިމަނައިދިނުމަށް އެސްއެމްއީ އެންޑް އޮންޓްރަޕްރިނާސް ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް)އިން ގޮވާލައިފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަމްސީލުކުރާ ސެފްއެމްއިން މިދިޔަ މަހު ވެސް އެސްއެމްއީތަކުން އަވަސް ހައްލެއް ބޭނުންވާ ކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާރްތަކަށް ޕްރޮޕޯސަލްއެއް ވަނީ ފޮނުވާފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮޕޯސަލްގައި ހުރި ބައެއް ކަންކަމަށް މިހާރު ވެސް، އަމަލީ ސިފައެއް އައިސްފައިވާ ކަމަށެވެ. އަދި އަވަސް ހައްލެއް ބޭނުންވާ ބައެއް އިތުރު ކަންކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މައިގަނޑު ގޮތެއްގައި ސެފްއެމްއިން ގޮވާލާފައިވަނީ ލޯނުތަކުގެ އިންޓްރެސްޓް މިހާރަށް ވުރެ ކުޑަ ކުރުމަށާއި ބޭރު ފައިސާގެ ކަޅުބާޒާރު ހުއްޓުވުމުގެ އިތުރުން ދިވެހި ކުދި ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ.

އޭގެ ތެރޭގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތައް

  • އިތުރު ފެސިލިޓީތައް ހޯދައިދީ، ވިޔަފާރިތައް އާންމު ހާލަތަށް އަންނަން ދެން ފެސިލިޓީތަކުގެ އިންޓްރެސް ރޭޓު ހަ ޕަސެންޓަށްވުރެ ކުޑަކޮށްދިނުން
  • އަހަރު ނުފުރޭ ކުންފުނިތަކާއި ފާއިތުވި އަހަރު ފައިދާވެފައި ނުވާ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ބަލައި، ލޯނު ލިބޭނެ ހާއްސަ ކްރައިޓީރިއާއެއް ކަނޑައަޅައިދިނުން (ފާއިތުވި އަހަރުގެ އެވަރެޖް ތިން މަހުގެ ޖުމުލަ އާމްދަނީ ނުވަތަ އަހަރުގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއްގެ ލޯނެއް)
  • ރާއްޖޭގެ މުދަލާއި ހިދުމަތަށް ބޭރުގެ ފަރާތްތަކުން ފައިސާ ދައްކަން ހިންގާ މުއާމަލާތްތައް ބޭންކިން ނިޒާމެއްގެ ތެރެއިން ކުރަން ކަނޑައަޅައިދިނުން
  • މުދާ ގަތުމަށާއި މުސާރަ ދިނުމަށް ބޭނުންވާ ބޭރު ފައިސާ އަދި ގެސްޓްހައުސްތަކުން ދިވެހިންނަށް ދޭ ހިދުމަތްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ޑޮލަރު، ކަޅުބާޒާރަށް ނުގޮސް ބޭންކުން ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުން
  • ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ޖޫރިމަނާވާ އުސޫލުން، ސަރުކާރުގެ ބޭނުމަށް ދޫކޮށްފައިވާ މުދަލާއި ހިދުމަތަށް ދައުލަތުން ފައިސާ ނުދައްކާނަމަ، ފައިސާ ދައްކަން ޒިންމާވާ ސަރުކާރުގެ އޮފީހެއް ޖޫރިމަނާވާ ގޮތަށް ކަނޑައަޅައިދިނުން
  • ދިވެހިން ލޯނު ނަގައިގެން ހަދަން ފަށައި އަދި ނުނިމި ހުރި ގެސްޓްހައުސްތަކުގެ މަސައްކަތް މިހާރު މުޅިން ހުއްޓިފައިވުމާއެކު އެ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަ މަހުން 12 މަހަށް އިތުރުކޮށްދިނުން

މި ނޫނަސް އެސްއެމްއީތަކަށް އިސްކަންދީ، ވަގުތުން ވަގުތަށް އަދި މެދުރާސްތާއާއި ދުރުރާސްތާގައި ބޭނުންވާ ބައެއް އިތުރު ކަންކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ސެފްއެމްއިންވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް