އެމްޕީއެލްގެ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވޭ

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ސީދާ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްޕީއެލްގެ އެއް ސްޓާފަކު ޕޮޒިޓިވްވެފައިވޭ. އެ ސްޓާފު ޕޮޒިޓިވިކަން އެނގިފައި ވަނީ މީގެ ހަތަރު ފަސް ވަރަކަށް ދުވަސް ކުރިން،" އެމްޕީއެލްގެ އެމްޑީ ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ އެސެންޝަލް މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ އެތަނުގައި ލޮކްޑައުންވެގެންނެވެ. ޝާހިދު ވިދާޅުވީ، ޕޮޒިޓިވްވި މުވައްޒަފަކީ އެމްޕީއެލްގައި ލޮކްޑައުންވެގެން މަަސައްކަތް ކުރާ ސްޓާފެއް ނޫން ކަމަށެވެ. އަދި އެ މުވައްޒަފު އެންމެ ފަހުން މަސައްކަތަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ.

އެ މުވައްޒަފުގެ އިތުރުން އެހެން އެއްވެސް މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައި ނުވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަޅަމުންދާ 300 އެނދުގެ ކޮވިޑް ވިލެޖުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތް ކުރެއެވެ. އެތަނުން މިހާތަނަށް ގިނަ ބަޔަކު ޕޮޒިޓިވްވެ، ގިނަ ކޮންޓެކްޓުވެސް ހޯދިފައިވެ އެވެ.

ޝާހިދު މިއަދު އިތުރަށް ވިދާޅުވީ، އެމްޕީއެލްގެ މުވައްޒަފުން ކޮވިޑް ވިލެޖުގެ އަމަލީ މަސައްކަތުގައި ބައިވެރި ނުވާ ކަމަށެވެ. ނަމަވެސް، އެތަނަށް ބޭނުންވާ ސާމާނު ހުރި ކޮންޓެއިނަރުތަކެއް ޑިލިވާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނި 119 މީހުން ޕޮޒިޓިވްވިއެވެ. މުޅި ޖުމްލަ 468 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ.

comment ކޮމެންޓް