ކޮވިޑްއަށް ޓެސްޓުކުރަން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފި

ޖަސްޓިސް ބިލްޑިންގް. ސަން ފޮޓޯ// މުހައްމަދު އަފްރާހް

ކަރަންޓީނު ފެސިލިޓީއެއްގައި ހުރި ފަރާތަކުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދުމާއިއެކު ކޯޓުން އެމީހާގެ ސާމްޕަލް ނެގުމަށް އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން ނެރުނު މި އަމުރުގައި ބުނީ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހަދާފައިވާތީ، އޭނާގެ ސާމްޕަލް ނެގުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ އެއްގޮތަށް އެމީހާގެ ސާމްޕަލް ނަގައިދިނުމަށް ކަމާއި ބެހޭ ފަރާތްތައް އަދި ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު މިވަގުތު ހުރީ 396ގައެވެ. މުޅިއަކު 8008 މީހަކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޓެސްޓުކުރެވިފައިވާކަމަށް މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ އިއުލާންކޮށްފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ މީގެ ކުރިން ކޮންޓެކްޓް ޓްރޭސިންގްއަށް އެއްބާރުލުން ނުދިން ފަރާތެއްގެ މައުލޫމާތު ހާމަކުރުމަށްވެސް ތައްޔާރުވެފަ އެވެ. އެފަރާތުގެ އެއްބާރުލުން ފަހުން ލިބެން ފެށުމާއިއެކު ފަހުން އެމީހާގެ މައުލޫމާތު ހާމަކޮށްފައެއްނުވެ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުރި އޮސްޓްރިއާ ރައްޔިތަކާއި ސިވެއްސަކު ކަރަންޓީނު މަރުކަޒަކަށް ދާން ދެކޮޅު ހެދުމާ ގުޅިގެން އެ މީހުން ކަރަންޓީނު މަރުކަޒަށް ގެންދިޔުމުގެ އަމުރެއް ވެސް މީގެ ކުރިން ސިވިލް ކޯޓުން ނެރެފައިވެ އެވެ.

comment ކޮމެންޓް