ތިނަދޫން މަރުވެގެން ޝައްކުވި ދެވަނަ މީހާ ވެސް ނެގެޓިވް ވެއްޖެ

ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ގދ. ތިނަދޫގައި އިއްޔެ މަރުވި އުމުރުން ދުވަސްވީ އިތުރު މީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާގެ ސާމްޕަލް މިއަދު ޓެސްޓް ކުރިއިރު، ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އެމީހާގެ އިތުރުން މިމަހުގެ 28 ވަނަ ދުވަހު ތިނަދޫގައި މަރުވި ގދ. މަޑަވެލި އާގެ، އުމުރުން 87 އަހަރުގެ ހަސަން އަހުމަދުގެ ނަތީޖާ ވެސް ވަނީ ނެގަޓިވްވެފައެވެ.

އޭނާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއް، ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ގޮތުގައެވެ.

ކްރިޓިކަލް ހާލަތުގައި މަރުވާމީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ނުފެނުނު ނަމަވެސް، އެމީހުންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ހަސަން އަހުމަދު މަރުވުމުން ހޮސްޕިޓަލުން އޭނާ އާއި ދޭތެރޭ ކަންތައް ކުރިގޮތާމެދު އާއިލާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ބަލި މީހަކަށްވުމުން އޭނާ ވަޅުލީ ތަޔައްމުމު ކުރުމަށްފަހުއެވެ. އާއިލާއިން ބުނި ގޮތުގައި، ހަސަން މުހައްމަދު ކޮވިޑަށް ޓެސްޓްނުކޮށް ލަސްކުރި ކަމަށެވެ.

މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނީ، މަރުވި ހަސަން އަހުމަދުގެ ފަރާތުން ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ސަވަޔަލެންސްގެ ބޭނުމަށް ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި، މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން ދަނިކޮށް، އޭނާ ހޯމަ ދުވަހުގެރޭ މަރުވި ކަމަށް ބަޔާނުގައި ބުނެއެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި ހަސަން މުހައްމަދަކީ، މިއަހަރު ތެރޭ އެއްވެސް ތަނަކަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށާއި، އަދި މަޑަވެއްޔަކީ މީީގެ ކުރިން މޮނިީޓަރިންނަށް ލެވިފައިވާ ރަށެއްވެސް ނޫން ކަމަށެވެ. އަދި މިކަމުގައި ތަފާތު ގޮތަކަށް އަމަލުކޮށްފާއިވާއިރު، ހަސަން މުހައްމަދަށް ފަރުވާދިން ޑރ. އާއި ނަރުހުން ކަރަޓީން ނުކުރަނީ ކީއްވެގެންތޯވެސް އާއިލާ އިން ސުވާލު އުފައްދައެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި ބުނީ، ހަސަން މުހައްމަދުގެ ސާމްޕަލް ނެގި ހިސާބުން ފެށިގެން އައިސީޔޫގެ ހުރިހާ މުވައްޒަފުން، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

comment ކޮމެންޓް