ޕީއެސްޖީއަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ދީފި

ޕީއެސްޖީގެ ކުޅުންތެރިން ގޯލެއް ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ރަޔަން ބެންސަން/ ލައިވްސްކޯ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފްރެންޗް ލީގު ނިންމާލާފައިވާ އިރު އެއްވަނައިގައި އޮތް ޕީއެސްޖީއަށް ޗެމްޕިއަންކަން ދިނުމަށް ނިންމައިފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑުގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެގޮތުން ނެދަލޭންޑުގެ ޑަޗް ލީގު ނިންމާލި އިރު އެ ލީގުން ޗެމްޕިއަން ޓީމެއް ހޮވާފައި ނުވާ އިރު އާޖެންޓީނާގެ ލީގު ނިންމާލި އިރު ބޮކާ ޖޫނިއާސް އޮތީ އެއްވަނަ ޔަގީންކޮށްފަ އެވެ. އެކަމަކު އެންމެންގެ ތެރޭގައި ސުވާލު އުފެދިފައި އޮތީ ދުނިޔޭގެ ގިނަބައެއްގެ މެދުގައި މަގުބޫލު ފްރެންޗް ލީގަށް ވާނެ ގޮތަކަށެވެ.

ފްރެންޗް ލީގުގެ ކުޅުން މެދުކަނޑާލި އިރު ޕީއެސްޖީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް އޮލިމްޕިކް މާސޭއަށް ވުރެން 12 ޕޮއިންޓް ކުރީގަ އެވެ. އެހެން ކަމުން ފްރާންސްގެ ރޯޔަލް ފުޓުބޯޅަ ފެޑެރޭޝަނުން ޕީއެސްޖީއަށް ޗެމްޕިއަންކަން ދިނުމަށްފަހު ދެވަނަ އަދި ތިންވަނައިގައި އޮތް ޓީމުތަކަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ދޭން ވަނީ މިއަދު ނިންމާފަ އެވެ.

ފްރާންސްގެ ފުޓުބޯޅަ އިދާރާއިން އެކަން ރަސްމީކޮށް އިއުލާން ކުރި އިރު ޕީއެސްޖީ އިން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގެ ކުޅުން މެދު ކަނޑާލި އިރު އެ މުބާރާތުގެ ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޕީއެސްޖީ ކުއާރޓާއަށް ދަތުރު ކުރީ ޖަރުމަނުގެ ބްރޯޝިއާ ޑޮޓަމަަންޑް ބަލިކޮށްގެންނެވެ.

މިހާރު މަޝްވަރާ ކުރަމުންދާ ގޮތުން ޗެމްޕިއަންސް ލީގުގެ ކުޅުން ފަށަން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު އެވެ.

ފްރާންސުން އެގައުމުގެ ފުޓުބޯޅަ ލީގު ކެންސަލް ކުރި ނަމަވެސް އަވައްޓެރި އިޓަލީއާއި، ޖަރުމަން އަދި އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިނުން އަންނަނީ ލީގު ފެށުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް