ލޮކްޑައުންގައި އޮއްވާ ރިޔާޒް މާލެ އައި މައްސަލަ ބަލަން މަޖިލީހަށް

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާގެ ދާއިރާގެ ރަށް ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެދިވަޑައިގެންފިއެވެ.

މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، މި މަހުގެ 26 ވަނަ ދުވަހު ރިޔާޒް މާލެ ވަޑައިގެން އެކަން ހާމަކުރެއްވީ އަމިއްލަފުޅަށް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ވިދާޅުވީ މާލެ ވަޑައިގެންނެވީ ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނަންގަވައިގެން ކަމަށެވެ.

މެމްބަރު ސިރާޖު މިއަދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރިޔާޒްގެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.

އަދި މިހާރުވެސް، އެމްޑީޕީއަށް ނިސްބަތްވެވާ ތިން މެމްބަރަކު މާލެ ނާދެވި އަތޮޅު ތެރޭގައި އެބަ ތިބި ކަމަށާއި، އެ މެމްބަރުންވެސް މާލެ އަންނަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަން ސިރާޖު ފާހަގަކުރެއްވިއެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ރިޔާޒް މާލެ އަންނަން ހުއްދަ ދީފައިވޭތޯ އާއި، ދީފައި ވާނަމަ އެއީ ކޮން ސަބަބެއްގައިތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރިޔާޒުގެ ސުލޫކާ ބެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މާލެ ލޮކްޑައުންކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަދެވިފައިވޭތޯއާއި، ހުއްދަ ދެވިފައިވާނަމަ، ކޮންމެހެން މާލެ އަންނަން ޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދެއްވައި މިކަން ސާފުކޮށްދެއްވުން އެދެމެވެ. އަދި މިކަމަކީ މެމްބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމުގައި ދެކެމެވެ." އެ ސިޓީގައިވެއެވެ.

ރިޔާޒަށް މާލެ އާދެވުނު ގޮތާ ބެހޭގޮތުން މީގެ ކުރިން "ސަން"އިން ސުވާލު ކުުރުމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައި ވަނީ މާލެ އަރަން މީހުންނަށް ހުއްދަ ދޭއިރު އެ ކަމަށް އެދި ހުށަހަޅާ މީހާގެ ހައިސިއްޔަތު އެ ފުލުހުންނަކަށް ނޭނގޭ ކަމަށެވެ. އަދި ރިޔާޒު މާލެ އެރުމުގައި އުސޫލާ ހިލާފު ކަމެއްކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް