މަހިބަދޫ ލޯންޗްތަކުގައި ރޯކޮށްލީ ޑިންގީތަކެއްގައި އައި ބައެއް

އދ. މަހިބަދޫ ފަޅުތެރޭގައި ހުރި ލޯންޗުތަކުގައި ރޯވެފައި ----

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ޑިންގީއެއްގައި އެރަށާ ކައިރިކުރި ބަޔަކު ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްކޮންފަރެންސްގައި ކްރައިމް ކޮމާންޑްގެ ހެޑް އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވީ، މަހިބަދޫ ފަޅުގައި ހުރި އުޅަނދުތަކެއްގައި ރޯކޮށްލީ ޑިންގީއެއްގައި އެ ރަށާ ކައިރިކުރި ބަޔަކު ކަމަށެވެ. އަދި އެމީހުން ލޯންޗްތަކުގައި ރޯކޮށްލީ އަލިފާން ހިފާ އެއްޗެއް އަޅާފައި ހުރި ފުޅިއަކަށް ރޯކޮށްލުމަށް ފަހު އެ ފުޅިތައް ލޯންޗްތަކަށް އެއްލައިގެން ކަމަށެވެ.

"އެފަދަ އެެއްފުޅި މޫދަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ. އަޅުގަނޑުމެން މިދަނީ އޭގެ އެނަލިސިސް ހަދާ މައްސަލައިގެ ތަހުގީގު އިތުރަށް ކުރަމުން،" ރިޔާޒް ވިދާޅުވި އެވެ.

މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ، މައްސަލައިގައި ތުހުމަތު ކުރެވޭ ފަސް މީހަކު އުޅޭ ގެ ބަލާ ފާސްކޮށް އެގެތަކުން ބައެއް ހެކި ހޯދިފައިވާ ކަމަށެވެ.

މަހިބަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެ އަނދައިގެން ދިޔައީ، ސީ އެމްބިއުލާންސްއަކާއި ފުލުސް ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗަކާއި އަދި ތެޔޮ ކުންފުންޏެއް ކަމަށްވާ އެޗްއެމްއެޗްގެ ދެ ލޯންޗެކެވެ. އަދި އާންމު ފަރާތެއްގެ ދެ ޑިންގީއެއް ވެސް އަނދައިގެން ގޮސްފައިވެ އެވެ.

އިނގިރޭސިވިލާތުގެ އިންވެސްޓިގޭޓިވް ޖަމްއިއްޔާއަކުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މަހިބަދޫ ލޯންޗްތަކުގައި އަލިފާން ރޯކޮށްލި ހާދިސާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތް، އައިއެސްއިން ވަނީ ނަގައިފަ އެވެ.

އެހެން ނަމަވެސް، ރިޔާޒު ވިދާޅުވީ އެހަމަލާއަކީ ސީދާ އައިއެސްއިން ހިންގި ހަމަލާއެއްކަން ނިންމާނެ ވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ނަމަވެސް މިފަހުން ލ އަތޮޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމާ މިފަހުން ހިނގި ބައެއް އަލިފާނުގެ ހާދިސާތަކާ އެއްގޮތް ކަންތައްތަކެއް މަހިބަދޫ ހާދިސާއިން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވިދާޅުވީ މަހިބަދޫ ލޯންޗްތަކުގައި ރޯކޮށްލީ ބަޔަކު ގަސްތުގަ އެވެ.

comment ކޮމެންޓް