ފްރްންޗު ލީގު ނިންމާލިޔަސް ޕީއެސްޖީން ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ

ލީގު ޔަގީން ކުރުމަށްފަހު ޕީއެސްޖީން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފްރެންޗް ލީގު ކެންސަލް ކުރި ނަމަވެސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ޕީއެސްޖީ ވާދަ ކުރާނެ ކަމަށް އެކުލަބުގެ ރައީސް ނަސީރު އަލް-ޙަަލަފީ ބުނެފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑުގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އޭގެ ތެރެއިން ފްރާންސްގެ ލީގު ނިންމާލި އިރު އެ ލީގުގައި ވާދަކުރާ ޕީއެސްޖީން ވަނީ ފުޓުބޯޅަ މެދުކަނޑާލުމުގެ ކުރިން ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޖަރުމަނުގެ ބުރޮޝިއާ ޑޮޓްމަންޑު އަތުން ކުރި ހޯދައިފަ އެވެ. އެހެން ކަމުން އެ ޓީމު މިވަގުތު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލަށް ދަތުރުު ކޮށްފަ އެވެ.

ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ފްރާންސްގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ އަންގަވާފަ އެވެ. ވުމާ އެކު އޭގެ ކުރިން ޗެމްޕިއަންސް ލީގުގެ މެޗުތައް ފަށެޔަސް ހޯމް މެޗުތައް ފްރާންސްގައި ޕީއެސްޖީއަކަށް ނުކުޅެވޭނެ އެވެ.

"ފްރާންސްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމް ކުރަން. އެކަމަކު ޔޫއެފާއާއި ވާހަކަ ދެއްކުމަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލުގައި ޕީއެސްޖީ ވާދަކުރާނެ،" ޕީއެސްޖީގެ ރައީސް ނަސީރް އަލް-ޙަލަފީ ބުނެފައިވެ އެވެ.

އަލް-ޙަލަފީ ބުނީ، ޕީއެސްޖީގެ ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް ފްރާންސްގައި ނުކުޅެވޭ ނަމަ އެމެޗުތައް އެހެން ސްޓޭޑިއަމެއްގައި ކުޅުމަށް ޔޫއެފާ ގާތުން އެދޭނެ ކަމަށެވެ.

ފްރެންޗް ލީގު ކެންސަލް ކުރި އިރު ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނަމަވެސް ލީގުގައި ބާކީ މެޗުތަކެއް އޮއްވާ ކެންސަލް ކުރަން ޖެހުމުން އެ ޓީމަށް ޗެމްޕިއަންކަން ދިނުމަށް ފްރާންސްގެ ރޯޔަލް ފުޓުބޯޅަ ފެޑެރޭޝަނުން އަދި ގޮތެއް ނުނިންމަ އެވެ.

ފްރާންސުން އެގައުމުގެ ފުޓުބޯޅަ ލީގު ކެންސަލް ކުރި ނަމަވެސް އަވައްޓެރި އިޓަލީއާއި، ޖަރުމަން އަދި އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިނުން އަންނަނީ ލީގު ފެށުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް