އަމާޒު ބޯޓު ކޭސް: ރ. އިނގުރައިދޫ ލޮކްޑައުންއަށް

ރ. އިނގުރައިދޫ

ށ. ނަރުދޫ އަމާޒު ބޯޓުން ފެނުނު ކޮވިޑްގެ ކޭސް އާއި ގުޅިގެން ރ. އިނގުރައިދޫ މޮނީޓާކުރަން ފަށައިފި އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭސްއާ ގުޅިގެން އިނގުރައިދު މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ކަމަށެވެ.

މިއީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ރ. އަތޮޅުގެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ފަހަރެެވެ.

އަމާޒު ބޯޓުގެ ކައްޕި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއާ ޑައިރެކްޓު ކޮންޓެކްޓުވި އަށް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިރޭ ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް އަމާޒު ބޯޓުގެ ކޭސްއާ ގުޅުންހުރި 118 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހައިރިސްކް 36 މީހަކު ހިމެނޭ ކަމަށެވެ.

އެ ބޯޓުގެ ކޮންޓެކްޓުންގެ ތެރެއިން 13 މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމަށާއި، އަދި ދެމީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ނެގެޓިވްވެފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަމާޒު ބޯޓުގެ ކޮންޓެކްޓުގެ ތެރޭގައި ހިމެނޭ މީހެއް ވަނީ އެ އަތޮޅުގެ މިލަންދޫއިން ވެސް ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އަމާޒު ބޯޓު ކޭސް އާ ގުޅޭ 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު އޭގެތެރޭގައި ނަރުދޫ އާއި މިލަންދޫގެ އިތުރުން ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

comment ކޮމެންޓް