ކުރިއަށް އޮތްތަނުގައި ސްމާޓްފޯނު އިންޑަސްޓްރީ އަށް ގެއްލުންވާނެ: ސެމްސަންގް

ސެމްސަންގް އެސް20 ފޯނު ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުރިއަށް އޮތް ދެތިން މަހަކީ ސްމާޓްފޯން އިންޑަސްޓްރީ އަށް ގެއްލުންވާނެ ދުވަސްތަކަކަށް ވަނެ ކަމަށް ސްމާޓްފޯނު އިންޑަސްޓްރީގެ އެއްވަނަ ސެމްސަންގުން ބުނެފި އެވެ.

ސެމްސަންގުން ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ވެސް އަހަރުގެ ފުރަތަމަ ތިން މަހު ބޮޑު ފައިދާ އެއް ހޯދައިފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސެމްސަންގަށް ވަނީ 5.3 ބިލިއަން ޑޮލަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފަ އެވެ.

މިދިޔަ ކުއާޓަރުގައި ސެމްސަންގަށް ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކަކީ ގެއްލުމާ ކުރިމަތިލާންޖެހޭނެ ދުވަސްތަކެއްގެ ގޮތުގައި އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ކޮރޯނާގެ ބަލިމަޑުކަމާއެކު ކޮންޒިޔުމާ ސްޕެންޑިން ދަށަށް ދާކަމަށާއި ދަތުރުތައް ހުއްޓިފައ އޮތުމުގެ ސަބަބުން ސަޕްލައިން ޗެއިންތައް މެދުކެނޑިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

ސެމްސަންގުގެ އިތުރުން އެޕަލް އާއި ވާވޭ އިން ވެސް ވަނީ ކޮވިޑް19ގެ ސަބަބުން ސްމާޓް ފޯނު ބާޒާރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ފޯނުތަކަށް އޮންނަ ޑިމާންޑު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.

ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ލޮޅުން އަރައި އެތައް މިލިއަން ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. މިއާއެކު ސްމާޓް ގެޒެޓްސް އަދި އިލެކްޓްރޯނިކްސް އަށް އޮންނަ ޑިމާންޑު ވަނީ ބޮޑުތަނުން ދަށްވާން ފަށައިފަ އެވެ.

comment ކޮމެންޓް