ލޮކްޑައުން މުއްދަތުގައި ހަމަވާ ޓެކްސްތަކުގެ ސުންގަޑި އިތުރުކޮށްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19ގެ ސަބަބުން ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ސުންގަނޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިއަދު ބުނީ ލޮކްޑައުންގެ މުއްދަތުގައި މީރާ ބަންދުވާނެ ކަމަށާއި އެހެންކަމުން ލޮކްޑައުން އިއުލާނުކޮށްފައިވާ މުއްދަތުގައި ސުންގަނޑި ހަމަވާ ޓެކްސްތައް ދެއްކުމުގެ މުއްދަތު އިތުރު ކުރާނެ ކަމަށެވެ. އަދި މުއްދަތު އިތުރުކުރުމުން ޓެކްސް ސުންގަޑި ހަމަވާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް މީރާ އިން ބުންޏެވެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އިތުރު ދެ ހަފްތާ އަށް ދަންމާލާފައިވާއިރު އަންނަ މެއި މަހުގެ ތިން ވަނަ ދުވަހަށް ގިނަ ޓެކްސް ތަކެއްގެ ސުންގަނޑި ހަމަވާނެ އެވެ.

އެގޮތުން ގްރީން ޓެކްސް ރިޓާން، ޖީއެސްޓީ، އެއާޕޯޓް ޓެކްސްފީ، ޑިޔުޓީ ފްރީ ރޯޔަލްޓީ އަދި ނަން ރެޒިޓެންޓް ވިތް ހޯލްޑިން ޓެކްސްގެ ސުންގަޑި އަކީ މެއި ތިން ވަނަ ދުވަހެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސޯދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ޓެކުހުން ލިބޭ އާމްދަނީ ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެެވެ. އެގޮތުން މާޗު މަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 26.9 ޕަސެންޓަ ދަށްވެފަ އެވެ.

މީރާ އިން ބުނީ މާޗު މަހު އާމްދަނީ ދަށްވީ ފަތުރުވެރިން އައި މިންވަރު މަދުވުމާއި، ޓޫރިޒަމް ބިންތަކުން ދައްކާ ކުލީގެ ޑެޑްލައިން އެކްސްޓެންޑު ކުރުމުން ކަމަށެވެ.

comment ކޮމެންޓް