މައްޔިތާއާމެދު އަމަލު ކުރީ އެޗްޕީއޭއިން އެންގި ގޮތަށް: ތިނަދޫ ހޮސްޕިޓަލް

ގދ. ތިނަދޫ ---

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަރުވި އެ އަތޮޅު މަޑަވެއްޔަށް ނިސްބަތްވާ އުމުރުން ދުވަސްވީ މިހާ ވަޅުލުމުގައި އަމަލުކޮށްފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތައް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަޑަވެލި އާގެ، އުމުރުން 87 އަހަރުގެ ހަސަން އަހުމަދު މަރުވީ ހޯމަ ދުވަހުއެވެ. ހަސަން މުހައްމަދުގެ އާއިލާގެ ފާރަތުން ވަނީ އޭނާ ވަޅުލުމުގައި އަމަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ތުހުމަތުތަކެއްކޮށްފައެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ބަލި މީހަކަށްވުމުން އޭނާ ވަޅު؛ލާފައިވަނީ ތަޔައްމަމްކޮށްގެންެނެވެ.

އެ އާއިލާއިން ބުނި ގޮތުގައި، ހަސަން މުހައްމަދު ކޮވިޑަށް ޓެސްޓްނުކޮށް ލަސްކުރި ކަމަށެވެ. އަދި ޖަމާއަތްތެރިން "ފިއްލެލެވި" ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އަދި ކަށުނަމާދުގެ ކަންކަން މަޑަވެލީގައި ގެންދިޔުމުގެ ހުއްދަވެސް ނުދިން ކަމަށް އާއިލާން ބުނެއެވެ. އޭގެ އިތުުރުން ހަސަން މުހައްމަދުގެ މޫނު ދެއްކީ ހަމައެކަނި، އޭނާގެ ދަރިންނަށް ކަމަށްވެސް އާއިލާއިން ބުނެއެވެ.

މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނީ، މަރުވި ހަސަން އަހުމަދުގެ ފަރާތުން ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ސަވަޔަލެންސްގެ ބޭނުމަށް ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި، މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން ދަނިކޮށް، އޭނާ ހޯމަ ދުވަހުގެރޭ މަރުވި ކަމަށް ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި ބުނީ، އާއިލާގެ ފަރާތުން މަޑަވެލީގައި ކަށުކަމާކެމީގެ ކަންން ކުރުމަށް އެދުމުން، އެޗްޕީއޭ އިން މި ހާލަތުގައި އަމަލުން ނިންމާފައިވާ ގޮތް އާއިލާއާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މައްޔިތާ އާއިލާއާ ހަވާލު ކުރުމަށް ފަހު ޖަމާއަތްތެރިން ހޯދުމުގަ އާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާ ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ހޮސްޕިޓަލް ބަޔާނުގައި ބުންޏެވެ.

"މައްޔިތާ ހިނަވާ ގެއަށް ގެންދިޔުމުގެ ކުރިން ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެނެސް، މައްޔިތާ ހިނެވުމަށް ލާން ލާން ޖެހޭ (ޕީޕީއީ) ސޫޓްގެ ބޭނުމާއި ސޫޓްސް ލާން ޖެހޭ ގޮތް ހޮސްޕިޓަލުގެ ތަމްރީން ލިބިފައިވާ މުވައްޒަފުން އެހީތެރިކަމާ އެކު ވަނީ ކިޔާ ދީފައި، ހޮސްޕިޓަލުން މިކަމުގައި އަމަލުކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް،" ބަޔާނުގައި ބުންޏެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި ހަސަން މުހައްމަދަކީ، މިއަހަރު ތެރޭ އެއްވެސް ތަނަކަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށާއި، އަދި މަޑަވެއްޔަކީ މީީގެ ކުރިން މޮނިީޓަރިންނަށް ލެވިފައިވާ ރަށެއްވެސް ނޫން ކަމަށެވެ. އަދި މިކަމުގައި ތަފާތު ގޮތަކަށް އަމަލުކޮށްފާއިވާއިރު، ހަސަން މުހައްމަދަށް ފަރުވާދިން ޑރ. އާއި ނަރުހުން ކަރަޓީން ނުކުރަނީ ކީއްވެގެންތޯވެސް އާއިލާ އިން ސުވާލު އުފައްދައެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި ބުނީ، ހަސަން މުހްއްމަދުގެ ސާމްޕަލް ނެގި ހިސާބުން ފެށިގެން އައިސީޔޫގެ ހުރިހާ މުވައްޒަފުން، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވެސް ވިދާޅުވެފައި ވަނީ، އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ ސާމްޕަލް މިހާރު ނަގާފައި ވީނަމަވެސް، އަދި މާލެއާ ހަމައަށް އައިސްފައި ނުވާކަމަށް ރޭ މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މަރުވި މީހާ ހިނަވައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުން ރައްކާތެރިކަމަށް ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލުން ޖަމާއަތްތެރިންނަށް އިރުޝާދު ދިން ކަމަށެވެ. އަދި ޖަމާއަތްތެރިންނަށް ޕީޕީއީ ކިޓުވެސް ފޯރުކޮށްދިން ކަމަށެވެ.

އެހެން ނަމަވެސް ޖަމާއަތްތެރިން ނިންމީ ހިނެވުމުގެ ބަދަލުގައި ތަޔައްމުމު ކުރުމަށް ކަމަށެވެ.

ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް ދީނީ އިލްމުވެރިންނާއި ސިއްހީ މާހިރުން ގުޅިގެން މިހާރު ވަނީ އެކުލަވާލައިފައެވެ. ބަލި ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުން ނުކުރާނެއެވެ. ބަދަލުގައި އެމީހުން ތަޔައްމުމު ކުރާނީ އެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި، ތިނަދޫ ހޮސްޕިޓަލުން ނެރުނު ބަޔާނަކީ، ހަގީގަތް ފޮރުވާލުމުގައި ނެރުނު ބަޔާނެއް ކަމަށެވެ.. އަދި އެޗްޕީއޭ އިން އެންގި ގޮތައް އަނަލު ކުރި ނަމަ، ތަޔައްމަމް ކުރަން ނުޖެހުނީސް ކަމަށް އައިލާއިން ބުނެއެވެ.

comment ކޮމެންޓް