ސޫރިޔާގެ ބާޒާރެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 47 މީހުން މަރުވެއްޖެ

އިފްރީންގެ ބާޒާރުގައި ބޮން ގޮއްވާލި ވަގުތު ނަގާފައިވާ ފޮޓޯއެއް

އިފްރީން (29 އެޕްރީލް 2020) : ސޫރިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އިފްރީންގައި އިއްޔެ ގޮއްވާލި ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 47 އަށް އަރައިފި އެވެ.

ސޫރިޔާގެ މައުލޫމާތު އެންމެ އިތުބާރު ހުރިގޮތެއްގައި ފަތުރާ އެގައުމުގެ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ "ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނީ ބޮމުގެ ޙަމަލާ އަމާޒުކޮށްފައިވަނީ އިފްރީންގެ ސުކްޢަލީ ސަރަހައްދުގެ ބާޒާރަކަށް ކަމުގައެވެ. ބޮން ގޮއްވާލި އިއްޔެ މެންދުރު ފަހުގެ ވަގުތަކީ އެ ބާޒާރުގައި ގިނަ ބަޔަކު ތޮއްޖެހިގެން ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމުގައި ހަރަކާތްތެރި ވަމުން ދިޔަ ވަގުތެއް ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ނެރުނު ބަޔާނެއް ބުނެއެވެ.

އިފްރީންއަކީ ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގެ ރަށެކެވެ. އެސިޓީ އޮންނަ ސަރަހައްދަކީ ތުރުކީ ސިފައިން ސޫރިޔާގެ ހުޅަނގު އުތުރަށް ގަދަބާރުން އަރައި ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ "ސީރިއަން ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް" (ވައިޕީޖީ) އާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ތުރުކީ ގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައިވާ ސަރަހައްދެކެވެ.

އިފްރީންގެ ރަށްބޭރުގައި ތުރުކީ ސިފައިން ހަރަކާތްތެރިވަނީ

ކުރިން އިފްރީން އޮތީ ވައިޕީޖީ ގެ ކޮންޓްރޯލްގެ ދަށުގައެވެ. އިފްރީންގައި ބޮން ގޮއްވާލީ ވައިޕީޖީ ކަމަށް ތުރުކީންވަނީ ތުހުމަތުކޮށްފައެވެ. ތުރުކީގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެ ބޮންގޮއްވާލިކަމުގެ ތުހުމަތުކޮށްފައިވަނީ ވައިޕީޖީ ގެ ހަނގުރާމަވެރިންނަށެވެ. އެ ހަމަލާގައި މަރުވެފައިވަނީ އާންމުން ކަމަށާ، މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންވެސް ހިމެނޭ ކަމަށް ތުރުކީގެ ބަޔާން ބުނެއެވެ. މީގެއިތުރުން އެ ހަމަލާގައި އާންމުންގެ އިތުރު 47 މީހުން ޒަހަމްވި ކަމަށްވެސް ތުރުކީގެ ބަޔާން ބުނެއެވެ.

ނަމަވެސް ބޮމުގެ އެ ޙަމަލާގައި ތުރުކީގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ 7 މީހުންވެސް މަރުވިކަން ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާގެ ޒިންމާ ވައިޕީޖީން އުފުލާފައެއް ނުވެއެވެ.

ވައިޕީޖީ އަކީ ސޫރިޔާގެ އުތުރުގައި ތުރުކީ ސަރަހައްދީ ރޮނގާ ގުޅިފައިވާ ކުރުދީ ސަރަހައްދުތަކުގައި ލާމަރުކަޒީ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ކުރުދީންގެ އަމިއްލަ ވެރިކަމެއް ގާއިމް ކުރަން މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެޖަމާއަތަށް އެހީތެރިވަނީ އެމެރިކާއިންނެވެ.

ތުރުކީން ވައިޕީޖީ ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އެއީ ތުރުކީގައިވާ ކުރުދީންގެ ސަރަހައްދު ތަކުގައި އަމިއްލަ ވެރިކަމެއް ގާއިމް ކުރަން މަސައްކަތްކުރާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭ އާ ގުޅިގެން ވައިޕީޖީ މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތުކޮށެވެ. ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އެޖަމާއަތާ ދެކޮޅަށް ތުރުކީ ސިފައިން ހަނގުރާމަކުރާތާ 35 އަހަރުވަނީ ވެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް