ތިނަދޫގައި މަރުވި މީހަކު ކޮރޯނާއަށް ޓެސްޓުކުރަނީ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް---ފޮޓޯ: ފޭސްބުކް

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވި ދުވަސްވީ މީހަކު ކޮވިޑް19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގައިފިއެވެ.

ސާމްޕަލް ނަގާފައި ވަނީ އެ ހޮސްޕިޓަލްގައި މަރުވި، މަޑަވެލީ މީހެއްގެއެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއް، ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ގޮތުގައި ކަމަށެވެ.

އޭނާގެ ސާމްޕަލް މިހާރު ނަގާފައި ވީނަމަވެސް، އަދި މާލެއާ ހަމައަށް އައިސްފައި ނުވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ހޮސްޕިޓަލްތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ އެސްއޯޕީގައި ބުނެފައި ވަނީ މިހާލަތުގައި މަރުވާ މީހެއްގެ ގައިން ސާމްޕަލް ނަގައި ކޮރޯނާވައިރަހަށް ޓެސްޓުކުރާނަމަ، އަދި ޓެސްޓުގެ ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ވާނީ ބަލީގައި މަރުވާ މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މަރުވި މީހާ ހިނަވައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުން ރައްކާތެރިކަމަށް ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލުން ޖަމާއަތްތެރިންނަށް އިރުޝާދު ދިން ކަމަށެވެ. އަދި ޖަމާއަތްތެރިންނަށް ޕީޕީއީ ކިޓުވެސް ފޯރުކޮށްދިން ކަމަށެވެ.

އެހެން ނަމަވެސް ޖަމާއަތްތެރިން ނިންމީ ހިނެވުމުގެ ބަދަލުގައި ތަޔައްމުމު ކުރުމަށް ކަމަށެވެ.

ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް ދީނީ އިލްމުވެރިންނާއި ސިއްހީ މާހިރުން ގުޅިގެން މިހާރު ވަނީ އެކުލަވާލައިފައެވެ. ބަލި ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުން ނުކުރާނެއެވެ. ބަދަލުގައި އެމީހުން ތަޔައްމުމު ކުރާނީ އެވެ.

ރާއްޖެއިން މިހާތަނަށް 250 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް