ކޮރޯނާ ވައިރަސް: ފްރެންޗް ލީގު ވެސް ކެންސަލް ކޮށްފި

ކުރްޒާވާގެ ލަނޑަކަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް އަދިވެސް ފެންނަމުންދާތީ ސެޕްޓެމްބަރު މަހުގެ ކުރިން ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަން ފްރާންސްގެ ބޮޑު ވަޒީރު އެޑުއާޑް ފިލިޕޭ ހާމަަކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު މި ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ދުނިޔޭގައި އެންމެ މަގުބޫލް ކުޅިވަރު ކަމަށްވާ ފުޓުބޯޅަ މުބާރާތްތަކާއި، ލީގުތައް މެދުކަނޑާލާފައި އޮތް އިރު ސީޒަން އިތުރަށް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން ބައެއް ގައުމުތަކުން މިހާރު އަންނަނީ ސީޒަން ކެންސަލް ކުރަމުންނެވެ.

ފްރާންސްގެ ބޮޑުވަޒީރު ފިލިޕޭ މިއަދު ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ސެޕްޓެމްބަރު މަހާ ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެއާ އެކު ކުޅިވަރުގެ އެއްވެސް ހަރަކާތެއް ވެސް އެ މުއްދަތުގެ ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފިލިޕޭ ވަނީ ވިދާޅުވެފަ އެވެ.

އެހެން ކަމުން މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ކެންސަލްވާނެކަމަށާއި، 2020-2021 ވަނަ ފުޓުބޯޅަ ސީޒަން ފެށޭނީ ލޮކްޑައުން ނެގުމުން ކަމަށް ފިލިޕޭ ވަނީ ވިދާޅުވެފަ އެވެ.

"ކުޅިވަރުގެ ބޮޑު އެއްވެސް ހަރަކާތެއް ސެޕްޓެމްބަރުގެ ކުރިއަކުން ނުފެށޭނެ. ވީމާ 2019-2020 ވަނަ ސީޒަން މިހިސާބުން ނިމުނީ،" ފިލިޕޭ ވިދާޅުވި އެވެ.

ލީގުގެ ޗެމްޕިއަން އަދި ރެލިގޭޓްވާނެ ޓީމުތައް ކަނޑައެޅުމަށް ފްރެންޗްގެ ރޯޔަލް ފުޓުބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ.

ފްރެންޗް ލީގުން މީގެ ކުރިން މަސައްކަތް ކުރަމުން އައީ ސްޓޭޑިއަމްތައް ބަންދުކޮށްގެން ލީގުގެ މެޗުތައް އަންނަ ޖޫން މަހު ފެށުމަށެވެ. އެކަމަކު ފްރާންސްގެ ސަރުކާރުން އެކަން ކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

ފްރާންސްގައި މިހާތަނަށް 23،000 މީހުން ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި ދުނިޔޭގައި މިހާރު އެބަލި ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެން މައްޗަށް އަރާފައިވާ އިރު 211،200 މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް