ޔޫކޭގައި ކޮރޯނާ ބްރީފިންތައް އިޝާރާތުން ނުގެނެސްދޭތީ އަޑުނީވޭ މީހުން ދައުވާކުރަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑާ ގުޅޭގޮތުން ނިއުސް ބްރީފިންއެއް ދެއްވަނީ--

ކޮވިޑް-19 އާ ގުޅޭގޮތުން އިނގިރޭސިވިލާތުން ގެނެސްދެމުންދާ ނިއުސް ބްރިފިންތައް އިޝާރާތުން ނުގެނެސްދޭތީ އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ މީހުން ސަރުކާރާ ދެކޮޅަށް ދައުވާކުރުމަށް މަސައްކަތް ފަށައިފިއެވެ.

އިނގިރޭސިވިލާތުގައި "ސައިން ލެންގުއާޖް" ބޭނުންކުރާ މީހުން ބުނީ އެމީހުންނާމެދު ތަފާތުކުރަމުންދާ ކަމަށާއި އެއާއެކު އެމީހުންނަށް ކޮންމެހެން ލިބެން ޖެހޭ މުހިންމު މައުލޫމާތުތަކުން މަހްރޫމްވެފައިވާ ކަމަށެވެ.

"#ވެއާއިޒްދައިންޓަޕްރިޓާ"ގެ ހޭޝްޓެގްގެ ދަށުން ޓުވިޓާގައި ފެށި އެ ކެމްޕޭންއަށް ވަަރަށް ބޮޑަށް ސަމާލުކަން ލިބުނެވެ.

އިނގިރޭސިވިލާތުގެ ނިއުސް10 އާއި ބީބީސީން މިހާރު ވަނީ އެ ނިއުސްޗެނަލްތަކުގައި އިޝާރާތުން ބަހުރުވަ ގެނެސްދޭން ނިންމައިފައވެެ.

އަޑިއިވުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ކޮންސަލްޓަންޓް ލީން ސްޓިއުވާޓް ޓޭލާ ވިދާޅުވީ ނިއުސްބްރީފިންތަކުގައި އިޝާރާތުން ނުގެނެސްދީ "ސަބްޓައިޓަލް" ލާފައި ހުރުމުން ވަރަށް އުނދަގޫވާ ކަމަށެވެ.

"ސަބްޓައިޓަލް ބަލައިގެން އެއްޗެއް ސިކުނޑިއަށް ނަގައިގަތުމަކީ އެހެން ބަހަކުން ލިޔެފައިވާ އެއްޗެއް ސިކުނޑިއަށް ނަގައިގަތުން ކަހަލަ ކަމެއް" އޭނާ ވިދާޅުވިއެވެ.

އިޝާރާތުން ކޮވިޑް ބްރީފިންތައް ނުގެނެސްދިނުމަކީ އިނގިރޭސިވިލާތުން 2010 އަހަރު ފާސްކޮށްފައިވާ "އީކުއާލިޓީ އެކްޓާ" ހިލާފުކަމެއް ކަމަށްވެސް ލީން ވިދާޅުވިއެވެ.

ބީބީސީ

comment ކޮމެންޓް