ދަނޑުވެރިކަމުގެ ބާވަތްތައް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިފި

މިނިސްޓަރ ޒަހާ ހައިޑްރޮޕޮނިކްސް ސިސްޓަމްތައް ބަހައްޓާފައިވާ ގޭގެޔަށް ޒިޔާރަތްކޮށްލެއްވުން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރަމްޟާން މަހު ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ހައްދާފައިވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރަށު ކައުންސިލްތަކާ ގުޅިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

ސަރުކާރުން ހިއްސާވާ ދަނޑުވެރިކަމުގެ ހާއްސަ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަންއަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފައްދާފަިއވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައިޗެއިން ތަރައްގީކުރަން މަސައްކަތް ކުރުން އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެެނެއެވެ.

އެގްރޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ކުޑަކޮށް ކާބޯތަކެތި ހޯދުމަށް މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށް އިސްކަން ދީގެން މަސައްކަތުގެ ދުވެލި އަވަސްކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ކުންފުންޏަށް ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ގުޅާނެ ވަކި ނަންބަރުތަކެއްވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.

އެގްރޯއިން ބުނީ ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އެފަރާތެއްގެ މައުލޫމާތު ރަށު ކައުންސިލަށް ދިނުމަށާއި އެ މައުލޫމާތުތައް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ވުނަ މޮޑިއުލްތައް މެދުވެރިކޮށް އެ ކުންފުންޏާ މުއާމަލާތު ކުރެވިގެންދާނެ ކަމަށެވެ. އަދި ދަނޑުވެރިޔާއާއެކު ތަކެތި ގަންނާނެގޮތުގެ އެއްބަސްވުމެއް އެކުލަވާލުމުން އެ އެއްބަސްވެފައިވާ ގޮަތަށް ދަނޑުވެރިކަމުގެ ތަކެތި ކައުންސިލާއި ކުންފުންޏަށް ސަޕްލައިކުރަން މަސައްކަތް ކުރަން ވާނެކަމަށް ވަނީ ބުނެފައެވެ.

ރަށު ކައުންސިލާ ގުޅިގެން ކަނޑައެޅިފަިއވާ މުއްދަތަށް ތަކެތި ހަމަކޮށް މާލެ ފޮނުވުމުން، ބޯޓުން ބާލާ ތަކެތި ވަގުތުން ކިރައި ހަމަތޯ ބަލާނެ ކަމަށާއި އަދި ހަމަޖެހިފަިއވާ އުސޫލުގެ ދަށުން ކުންފުންޏަށް ވިއްކި ތަކެއްޗަށް ފައިސާ ދޫކުރާނެކަމަށް އެގްރޯއިން ބުންޏެވެ.

comment ކޮމެންޓް